މާރޗްގެ ނިޔަލަށް 1400އެއްހާ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޑީއެފްސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ނާޒިމް ހަބީބް ވިދާޅުވީ ކޮންމެ އިގްތިސާދެއްގެ ވެސް އެންމެ އިސް ދައުރެއް އަދާކުރަނީ އެސްއެމްއީ ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކަމަށެވެ. އޭގެ ތެރޭގައި ގޭގައި މަސައްކަތްކުރާ ފަރާތްތަކާއި، ކުދި ފިހާރަތައް ފަދަ ވިޔަފާރިތަކާއި، ކުދި ކުންފުނީގެ ގޮތުގައި ހިންގާ ވިޔަފާރިތައް ފާހަގަކޮށްލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެސްއެމްއީގެ ނަތީޖާ އަކީ އާއްމު ފަރުދުންގެ ފުދުންތެރިކަމާއި ހާލަތު ރަނގަޅުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
މާރޗް މަހުގެ ނިޔަލަށް އެސްޑީއެފްސީން 1.7 ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެސްޑީއެފްސީގެ ލޯނުގެ ތެރޭގައި ވިޔަފާރިތައް ފަށާ ފަރާތްތަކަށް ދޭ ލޯނާއި، ވިޔަފާރި އެހީ ލޯނާއި، ވިޔަފާރި ތަރައްގީ ލޯނު، ހަރުމުދާ ލޯނު، އަދި ރަށު ފަތުރު ފަދަ ލޯންތައް ހިމެނެއެވެ. އެސްޑީއެފްސީ އަކީ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނުދޭ އެއް ފަރާތްވެސްމެއެވެ.
އެސްޑީއެފްސީން ލޯނުތައް ދޫކުރަނީ ހަތަރު ޕަސެންޓާއި ނުވަ ޕަސެންޓާ ދެމެދު އިންޓަރެސްޓް ރޭޓެއްގައި، ގިނަވެގެން 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. ލޯނު ދޫކުރާ އިންޓަރެސްޓް ރޭޓާއި މުއްދަތު ކަނޑައަޅަނީ ލޯނު ދޫކުރާ ވިޔަފާރީގެ ރިސްކު އަދި ފީޒިބިލިޓީ އަށް ބެލުމަށް ފަހު އެވެ.