Advertisement
ކ. މާލެ
|
6 އޭޕްރިލް 2023 | ބުރާސްފަތި 12:17
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މަގުމަތީގެ ރައްކާތެރިކަން
ތިމާގެ އުފަލަށް އަނެކާ ނުރައްކަލަކަށް ހުށަހެޅޭ ކަންކަން ނުކުރޭ: ފުލުހުން
ނިމިގެން ދިޔަ ހަފްތާ ތެރޭގައި ވެސް ނުރައްކާތެރި ހާދިސާތައް ހިނގާފައިވޭ
ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ
އާބާދީ ބޮޑު ރަށްތަކަށް ޚާއްސަކޮށް ޕްރޮގްރާމްތައް ކުރިއަށް ގެންދޭ

މަގުމައްޗަކީ ތިމާގެ އަމިއްލަތަނެއް ނޫން ކަމަށާއި، ތިމާގެ އުފަލަށް އަނެކާ ނުރައްކަލަކަށް ހުށަހެޅޭ ކަންކަން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސޮބާހް ވިދާޅުވީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މިރަމަޟާން މަހާއި ދިމާކޮށް ވެސް ގިނަ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާ ކަމަށް ސޮބާހް ވިދާޅުވިއެވެ.

Advertisement

މަގުމަތީގެ ރައްކާތެރިކަމަށް އިޝާރާތް ކުރައްވައި ސޮބާހް ވިދާޅުވީ ނިމިގެން ދިޔަ ހަފްތާ ތެރޭގައި ވެސް ހިތާމަވެރި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ކަމަށެވެ. މަގުމައްޗަކީ އެންމެނަށް އަމާން ރައްކާތެރި މާހައުލަކަށް ހެދުމަށް ކުރާ މަސައްކަތުގައި ގިނަ ޕްރޮގްރާމްތައް ހިންގި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުފެންނާނެ ކަމަށާއި، މަގުމަތީގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަކީ ތަންފީޒީ އިދާރާތަކުން އެކަނި ކުރަންޖެހޭ މަސައްކަތެއް ކަމަށް ދެކޭ ނަމަ ނަތީޖާ ހިތި ކަމަށެވެ. އަދި އެކަށީގެންވާ ނަތީޖާ ފެންނާނީ ހުރިހާ ރައްޔިތުން އެކަމަށް އެއްބާރުލުންދީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކޮށްގެން ކަމަށް ސޮބާހް ވިދާޅުވިއެވެ.

މީގެ އިތުރުން ސޮބާހް ވިދާޅުވީ މަގުމަތި ބޭނުންކުރާއިރު، އެކަކު އަނެކަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު މަގުމަތި ޓްރެފިކްވުމާއި އެހެނިހެން ވެސް މައްސަލައަކާ ގުޅިގެން ބަލާލުމެއް ނެތި ހަޑިހުތުރުކޮށް މުއާމާލާތް ކުރާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިގެން ދިޔަ ހަފްތާ ތެރޭގައި ވެސް ވަރަށް ހިތާމަވެރި ހާދިސާތައް ހިނގާފައިވޭ. އެއީ އަޅުގަނޑުމެން އަބަދުވެސް ދައްކާ ވާހަކަ. މަގު މައްޗަކީ އެންމެނަށް ސަލާމާތާއި ރައްކާތެރި މާހައުލަކަށް ހަދަން ހިނގާށޭ. މިކަން އަދި އަޅުގަނޑުމެން ޕްރޮގްރާމް ހިންގިއަސް އަދި ކުރިއަށް ނުދާނެ. މިކަމަށް އެންމެން ހޭލުންތެރިވެ އެންމެން މިކަމަށް ނުނިކުންނަ ކަމަށްވާނަމަ. މިއީ ހަމައެކަނި ތަންފީޒީ މަރުހަލާގައި ކުރަން އޮންނަ އެގޮތަށް ބަލާ އެބަ ބައެއް ފަހަރު. ބައެއް މީހުން ފާހަގަކުރޭ މަގުމަތީގައި ފުލުހުން މަދުވެގެންނޭ ކަންކަން ވަނީ. އެއީވެސް ރަނގަޅު ވާހަކައެއް. އެކަމަކު އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަން އެބަޖެހޭ. ތިމާގެ ފަރާތުން ދެރަކަމެއް ނުވެ، އެހެން މީހުންނަށް ސަލާމާތާއި ރައްކާތެރި މާހައުލެއްގެ ގޮތުގައި މަސައްކަތް ކުރަން ހިނގާށޭ.
އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސޮބާހް

ރައްކާ ޕްރޮގްރާމާއި ގުޅޭގޮތުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަސްލަހް ވިދާޅުވީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އާބާދީ ބޮޑު ރަނގަޅު ފެންވަރަށް މަގުތައް ހެދިފައި ހުންނަ ރަށްތަކަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ހަނިމާދޫގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަހް ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސްކޫލުތަކާއި، ބެލެނިވެރިންނާއި، އަދި ކުންފުނިތަކަށް މައުލޫމާތު ދިނުމުގެ އިތުރުން ހެލްމެޓް ހަދިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެފަހުން އައްޑޫ ސިޓީގައި ހިންގި ޕްރޮގްރާމްގެ ތެރެއިން ވެސް އާއްމު ރައްޔިތުންނަށް 500 ހެލްމެޓް ހަދިޔާ ކުރި ކަމަށް އަސްލަހް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް