ރަޝިޔާ އިން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި، ހަނގުރާމަ ހުއްޓާ ނުލަނީސް އެ ޤައުމަށް ކުރިމަތިކޮށްފައިވާ ސަސްޕެންޝަން އުވާނުލާނެ ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވިދާޅުވެއްޖެ އެވެ.
ޔޫރަޕުގެ މުބާރާތްތަކުން ރަޝިޔާ ސަސްޕެންޑުކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޗެފެރިން ވިދާޅުވީ، ކޮންމެ ޙާލަތަކަށް ކަންތައް ދިޔަ ނަމަވެސް އެ ނިންމުމަކީ ޔުއެފާގެ ހިންގާ ކޮމެޓީން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ނަމަވެސް ޗެފެރިން ވަނީ އޭނާގެ އަމިއްލަ ޚިޔާލު ހިއްސާކުރައްވައިފަ އެވެ. އެގޮތުން ރަޝިޔާގެ ސަސްޕެންޝަން އުވާލެވޭނެ ހަމައެކަނި ގޮތަކީ ހަނގުރާމަ ހުއްޓާލުން ކަމަށާއި، އެ ނޫން ގޮތަކަށް ސަސްޕެންޝަން ނެގުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ. ރަޝިޔާ އިން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޔުއެފާ އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައި ވަނީ ރަޝިޔާގެ ޤައުމީ ޓީމުތަކާއި ކުލަބުތައް ހިމެނޭހެން، ހުރިހާ ޓީމުތަކެއް ސަސްޕެންޑު ކުރުމަށެވެ.
ބައިނަލްއަގްވާމީ ގިނަ ކުޅިވަރު ފެޑެރޭޝަންތަކުން ވަނީ ރަޝިޔާ އާއި އެގައުމުގެ އެކުވެރި ބެލަރޫސްގެ އެތުލީޓުން މުބާރާތްތަކުން ބާކީކޮށްފަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިހާރު ވަނީ މުބާރާތްތަކުގައި އެމީހުންނަށް އަލުން ވާދަކުރުމުގެ ފުރުސަތު ދޭން ފަށައިފަ އެވެ. މީގެ އިތުރުން ޗެފެރިން ވިދާޅުވީ 2024 ވަނަ އަހަރު އޮންނަ ޔޫރޯ މުބާރާތަށް ބެލަރޫސް ބައިވެރި ނުކުރުމަށް ނިންމުމަކީ ހަމައެކަނި އެ އިދާރާގެ ހިންގާ ކޮމެޓީ އަށް ލިބިގެންވާ ބާރެއް ކަމަށެވެ. ޗެފެރިން ވަނީ ޔުއެފާ އަދިވެސް ކުރިއަށް އޮތް ތަނުގައި ހާލަތު ވަރަށް ރަނގަޅަށް ބެލުމަށްފަހު އަޅާނެ ފިޔަވަޅުތައް ނިންމާނެ ކަމަށް ވެސް ބުނެފަ އެވެ. ބުދަ ދުވަހު ވަނީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް ޔުއެފާގެ ހިންގާ ކޮމެޓީ ވެސް އިންތިޚާބުކޮށްފަ އެވެ. އެ ހިންގާ ކޮމެޓީގައި ހިމެނެނީ ހަތް މެންބަރުންނެވެ. ފީފާގެ ހިންގާ ކޮމެޓީގައި ހިމެނޭ އަންހެން މެންބަރުގެ ޚާއްސަ ގޮނޑިއަށް އިންތިޚާބުވެފައި ވަނީ ލޯރާ މެކަލިސްޓާ އެވެ.
ޗެފެރިން މިހާރު އިންތިޚާބުވެފައި ވަނީ ޔުއެފާގެ ރައީސްކަމުގެ ތިން ވަނަ ދައުރަށެވެ. އެންމެ ފުރަތަމަ ޗެފެރިން ޔުއެފާގެ ރައީސްކަމަށް އިންތިޚާބުވީ 2016 ވަނަ އަހަރު އެވެ. އެ ދައުރު ހަމަވެ، 2019 ވަނަ އަހަރު އޮތް އިންތިޚާބުގައި ވާދަކޮށްފައި ވަނީ ޗެފެރިން އެކަންޏެވެ. މިއަހަރު ވެސް ޔުއެފާގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލީ ޗެފެރިން އެކަންޏެވެ.