2008 ވަނަ އަހަރު ދަނޑުވެރިންނަށް ދޫކުރި ސަބްސިޑީގެ ބޭނުން ހެޔޮ ގޮތުގައި ނުހިފި، ސިއްހަތަށް ގެއްލުންވެފައިވާ ކަަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ބުދަ ދުވަހު ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވާފައިވާ، އެމް.ޑީ.ޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޢާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލައި ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުންނެވެ. ސަނީފް ވިދާޅުވީ ދަނޑުވެރިކަމަށް ސަބްސިޑީ ދިނުމުގެ ވާހަކަ އަކީ ކަންބޮޑުވާ ފަދަ ވާހަކައެއް ކަމަށެވެ.
2008ގައި ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޝިޔާންގެ ގަރާރުގައި 2008 ވަނަ އަހަރު ސަބްސިޑީ ދިނުމުގެ ސަބަބުން ދަނޑުވެރިންނަށް ވަރަށް ބޮޑެތި ކުރިއެރުމާއި މަންފާތައް ލިބުނު ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިހާރު އަލުން ދަނޑުވެރިކަން ރަނގަޅުކުރުމަށްޓަކާ އަލުން ސަބްސިޑީ ދިނުން މުހިންމު ކަމަށް ވެސް ޝިޔާން ވިދާޅުވިއެވެ. ޝިޔާންގެ އެ ވާހަކަތަކަށް ރައްދުދެއްވާ ސަނިފް ވިދާޅުވީ 2008 ވަނަ އަހަރު ދަނޑުވެރިންނަށް ސަބްސިޑީ ދިނީ އޭރުގެ ހާލަތު އޮތް ގޮތުން އެކަން ކުރަން ޖެހުމުން ކަމަށާއި މިއަދު އެ ހާލަތު ބަދަލުވެފައިވާ ކަމަށެވެ.
ދަނޑުވެރިންނަށް ދިން ސަބްސިޑީ އޭރު ވެސް ބޭނުން ކުރަނީ ގިނައިން ބިދޭސީން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ދަނޑުވެރިންނަށް ދިން ސަބްސިޑީގެ ބޭނުންކޮށްގެން ގަތް ކެމިކަން ބޭނުންކޮށްގެން ތަކެތި ހެއްދުމުން ސިއްހީ ބަލިމަޑުކަމާއި ކުރިމަތިލާންޖެހޭ ކަމަށް ވެސް ސަނީފް ވިދާޅުވިއެވެ. ސަރުކާރުން ޚާއްސަ ކުންފުނުްޏެއް އުފައްދައިގެން ދަނޑުވެރިކަން ރަނގަޅުކުރަން މަސައްކަތް ކުރަނީ ސަރުކާރުން އިސްނަގައިގެން ރާއްޖޭގައި އުފައްދާ ތަކެތީގެ ކޮލިޓީ ހިފެހެއްޓުމުގެ މަގްސަދުގައި ކަމަށް ސަނީފް ވިދާޅުވިއެވެ. ސަނީފް ވަނީ ތޮއްޑޫގައި ގިނަ އަދަދަކަށް ދަނޑުވެރިން ތިބި އިރު އެއީ އެންމެ ގިނައިން ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން ތިބި ރަށް ކަމަށް ވިދާޅުވެފައެވެ. އެއީ ކީއްވެގެންތޯ ސުވާލު އުފައްދަން ޖެހޭ ކަމަށް ސަނީފް ވަނީ ވިދާޅުވެފައެވެ.