ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 12:28
އައްބާސް އާދިލް ރިޒާ
އައްބާސް އާދިލް ރިޒާ
ރައީސް އޮފީސް
އައްބާސްގެ ޝަރީއަތް
ޗިޓް ހަވާލު ނުކުރެވިގެން އައްބާސްގެ ޝަރީއަތް މިއަދުވެސް ނުފެށުނު
އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ, ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ
އޭނާ ދިރިއުޅޭ ވަކި ތަނެއް ނޭންގޭތީ އޭނާއަށް ޗިޓް ހަވާލު ނުކުރެވޭ
ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ, އިދިކޮޅު ޕީޕިއެމްގެ އެކްޓިވިސްޓް އައްބާސް އާދިލް ރިޒާއަށް ޗިޓް ހަވާލު ނުކުރެވިގެން އޭނާގެ ޝަރީއަތް އަނެއްކާވެސް ކެންސަލްވެއްޖެއެވެ.

އޭނާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އެހެންނަމަވެސް އޭނާ ދިރިއުޅޭ ވަކި ތަނެއް ނޭނގޭތީ އޭނާއަށް ޗިޓް ހަވާލު ނުކުރެވިގެން މި އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ މާރޗު މަހުގެ 5 ވަނަ ދުވަހަށްވެސް ތާވަލުކުރިއެވެ. އެހެންނަމަވެސް މައްސަލައިގެ ޗިޓް ރައްދުކޮށްދެވިފައި ނުވާތީ އެ ދުވަހުގެ އަޑުއެހުންވެސް ކުރިއަކަށް ނުގެންދެވުނެވެ.

ޕީޖީ އޮފީހުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ, ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ, ޑިސެންބަރު 2022ގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި ވާހަކަ ދައްކަމުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން، ޕެޓްރޯލާއި ވާބުރިފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއެވެ.

އަދި، 23 ޑިސެންބަރު 2022 ދުވަހު، އޭނާ ބޭނުންކުރާ ޓުވިޓަރ އެކައުންޓުން، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް، އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލައި ޓްވީޓްކޮށްފައިވެސްވެއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލުގެ ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އޭނާ ހައްޔަރުވެސް ކޮށްފައެވެ. އެހެންނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.

އައްބާސް އާދިލް ރިޒާ ކުރެއްވި ޓްވީޓެއްގައި ގޮވާލާފައިވަނީ، ފެބުރުއަރީ 8ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފިކަމަށެވެ. އަދި ބަދަލުހިފުމުގެ މަސައްކަތް ފަށަން ފެންނަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭނާ މިގޮތަށް ޓްވީޓް ކުރެއްވީ އިންޑިއާ އައުޓް ހޭޝްޓެގް ބޭނުންކުރައްވައިގެންނެވެ.

އައްބާސް އާދިލް ރިޒާއަކީ ރައީސް ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެކަމުގެ މަގާމާއި، ރައީސް ޔާމީންގެ ސަރުކާރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް