ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމާއި، މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މއ. ކޮށީގެ، އަބްދުﷲ ސައީދު އައްޔަންކުރައްވައިފިއެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމަށް ސައީދު އައްޔަންކުރައްވަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ނިންމާފައިވަނީ އަންގާރަ ދުވަހުއެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ސައީދާ ހަވާލުކޮށްދެއްވާފައިވަނީ އަންގާރަ ދުވަހު މިނިސްޓްރީ އޮފް ފިނޭންސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ލިޔުން ހަވާލުކޮށްދެއްވީ ޕީސީބީގެ ރައީސް އާސިމް މުހައްމަދެވެ.
ޕީސީބީން ބުނީ ސައީދު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް އައްޔަންކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ޒ)ގެ 2ގައި ވާ ގޮތުގެ މަތިން ކަމަށެވެ.
މިއާއެކު ޕީސީބީން ވަނީ ޕީސީބީގެ ގާނޫނާއި ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ މައުލޫމާތު ހިއްސާކޮށް، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ކުންފުނީގެ މުހިންމު ލަނޑުދަނޑިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ސައީދު އެންމެ ފަހުން ހުންނެވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ (އެމްއެސްއެސް)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ. ސައީދު މީގެ ކުރިން ވަނީ ގްލޯބަލް ޓްރޭޑިންގ (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ އަދި ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމެންޓްގެ މަގާމާއި، މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީގެ ޗެއަރމަން އަދި ސީއީއޯކަމާއި، އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރ)ގެ ޗެއަރމަން އަދި އެމްޑީގެ މަގާމުވެސް ފުރުއްވާފައެވެ.
އެސްޓީއޯގެ އެމްޑީއަކަށް ސައީދު އައްޔަން ކުރައްވާފައިވަނީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުކަމުން ހުސައިން އަމްރު ވަކިކުރުމާ ގުޅިގެންނެވެ. އަމްރު މަގާމުން ވަކިކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނިންމާފައިވަނީ މާރޗް 26ގައެވެ.