Advertisement
ކ. މާލެ
|
4 އޭޕްރިލް 2023 | އަންގާރަ 03:13
މެންބަރު އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތުން
މެންބަރު އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތުން
އެމްޑީޕީ
އިސްދޫ ދާއިރާގެ މެންބަރު ޖޭޕީ ދޫކޮށް އެމްޑީޕީއަށް
ރައީސަށް ތާއީދު ކުރަން ނިންމީ ޤައުމުގެ ހަމަޖެހުމާމެދު ވިސްނާތީ: އަލީ ހަމީދު
ދިވެހިންގެ މަސްލަހަތަށްޓަކައި ވެރިކަން ކޮށްދޭނެ ވެރިއަކަށް ވޯޓު ދޭން ޖެހޭ
މުސްތަގުބަލަށްޓަކައި ވެރިއަކު އިހުތިޔާރު ކުރާއިރު ގައުމުގެ ހަމަޖެހުމާމެދު ވިސްނުމަކީ އަސާސީ ކަމެއް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދު ކުރައްވަން ނިންމެވީ ޤައުމުގެ ހަމަޖެހުމާމެދު ވިސްނުން ގެންގުޅުއްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލ. އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވިދާޅުވެއްޖެއެވެ.

އަލީ ހަމީދު މިފަދައިން ވިދާޅުވީ ހޯމަ ދުވަހު ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި އަލީ ހަމީދު ވިދާޅުވީ މުސްތަގުބަލަށްޓަކައި ވެރިއަކު އިހުތިޔާރު ކުރާއިރު ގައުމުގެ ހަމަޖެހުމާމެދު ވިސްނުމަކީ އަސާސީ ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ހަމަޖެހުމައި ފާގަތިކަމާއި ކުރިއެރުމާއި ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ގެންނަ ކަމަށްވާނަމަ އެ ވެރިއަކަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ދިވެހިންގެ މަސްލަހަތަށްޓަކައި ވެރިކަން ކޮށްދޭނެ ވެރިއަކަށް ވޯޓު ދޭން ޖެހޭކަން ފާހަގަކުރައްވައި އަލީ ހަމީދު ވިދާޅުވީ އެ ވެރިއަކީ މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކަމަށެވެ. އެގޮތުން، ކޮވިޑުގެ ހާލަތުގެ ތެރޭގައި ވެސް ދުނިޔޭގެ އެކި ޤައުމުތަކުގެ އިގްތިސާދުތައް އިނދަޖެހިގެން ގޮސްފައިވާއިރު ޤައުމު ބަނގުރޫޓުވިޔަ ނުދީ ރައްޔިތުންނަށް ދަތިތަކާ ދިމާވިޔަ ނުދިނުމަށް ކުރެއްވި މަސައްކަތަކީ ރައީސެއްގެ ހައިސިއްޔަތުން ވެވަޑައިގެންނެވި ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމަ ދުވަހު އިސްދޫ ދާއިރާގެ މެންބަރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ، އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ހާޒިރުގައެވެ. ސޮއިކުރެއްވި އިރު އަރިހުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލްއާއި މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ތިއްބެވިއެވެ. އަލީ ހަމީދަކީ މަޖިލީހުގެ ތެރެއިން އެމްޑީޕީއަށް މި ފަހުން ސޮއިކުރެއްވި ހަމައެކަނި މެންބަރެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިތުމާއި ގުޅިގެން، އެމްޑީޕީން ވަނީ އެ ނިންމެވި ނިންމުމަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

ރިޔާސީ އިންތިޚާބުގައި މިހާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމުމާގުޅިގެން މިހާރު ސަރުކާރުގައި އެ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި މެންބަރުންގެ ތެރެއިން، ރައީސް ސާލިހަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ އެ ޕާޓީން ވަކިވެވަޑައިގަންނަވަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)ގެ އިތުރުން، މިނިސްޓްރީތަކުގެ ބައެއް ބޭފުޅުންވެސް ޖޭޕީން ވަނީ ވަކިވެވަޑައިގެންފައެވެ.

މީގެ އިތުރުން ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއްވެސް ޝަރުތަކާނުލައި ރައީސް ޞާލިހަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް