Advertisement
ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 17:47
ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެން ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް
ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެން ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް
އެމްއެންޑީއެފް
މާލޭގައި ކެމިކަލް ގުދަނެއް ހުރި މައްސަލައެއް
މާލޭގައި ކެމިކަލް ގުދަނެއް ހުރި މައްސަލައެއް ބަލަނީ
މިތަނުގައި ގަވާއިދާއި ހިލާފަށް ބައެއް އެއްޗެހި ގުދަން ކޮށްފައިވާ ކަން ފާހަގަކުރެވިފައި ވާތީ މިކަން އަންނަނީ ބަލަމުން

މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް ހަދާފައި ހުރި މައްސަލައެއް ފެންމަތިވެ، އެކަން ދިވެހި ފުލުހުންގެ ޚިދުމަތާއި ސިފައިން ބަލަން ފަށައިފިއެވެ.

Advertisement

2019 ވަނަ އަހަރު މާލޭގައި ހިނގި ނުރައްކާތެރި ކެމިކަލް ގުދަނުގައި އަލިފާން ރޯވި ހާދިސާއަށްފަހު މާލޭގައި ކެމިކަލް ރައްކާކުރުމަކީ މަނާކަމެކެވެ. މިއީ އޭގެފަހުން މިފަދަ ތަނެއް ފަޅާއެރި ފުރަތަމަ ފަހަރެވެ. މިކަން ސަމާލުކަމަށް ގެނައީ އާންމުންގެ މީހެކެވެ. އަހުމަދު ނައީމު ކިޔާ މީހަކު ސޯޝަލް މީޑިޔާގައި އާދިއްތަ ދުވަހުގެ ހަވީރު ބުނެފައިވަނީ ލިލީ މަގުގައި ހުންނަ ގ. ގަސްކަރަގެއާ ޖެހިގެން ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ހުރިކަމަށެވެ. އެތަނުގެ މުވައްޒަފުންވެސް ގުދަނުގައި ރައްކާކޮށްފައި ހުރީ ކެމިކަލް ކަމަށް ބުނާކަމަށެވެ.

މިކަން ބައެއް މީޑިއާތަކުން ސިފައިންނާއި ފުލުހުންގެ ސަމާލުކަމަށް ގެނައުމުން އެމްއެންޑީއެފުން ބުނީ، ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުން އިނީޝިއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. އެ ތަނުގައި ބައެއް ތަކެތި ގުދަން ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ސިފައިން ބުންޏެވެ.

"މިތަނުގައި ގަވާއިދާއި ހިލާފަށް ބައެއް އެއްޗެހި ގުދަން ކޮށްފައިވާ ކަން ފާހަގަކުރެވިފައި ވާތީ މިކަން ދިވެހި ފުލުހުންގެ ސަމާލުކަމަށް ގެނެވި، ފުލުހުން މިކަމަށް އެޓެންޑްވަމުން އަންނަ ކަމުގައި ދަންނަވަން،" އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ ގުދަނުގައި ހުރި ތަކެއްޗާއެކު މީހަކު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކުރުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު އަލިފާން ރޯވީ ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި ރައްކާކޮށްފައިހުރި ކެމިކަލްތަކެއްގައެވެ. އަލިފާނުގެ ހާދިސާގައި ހަ ގެއަކަށް ގެއްލުންވެ އެކަކު މަރުވެފައިވާއިރު 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

އޭރު މާލޭގައި ކެމިކަލް ރައްކާކުރާ 126 ގުދަން ހުންނަ ކަމަށާއި އޭގެ ތެރެއިން 82 ގުދަން ހުންނަނީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރިއެވެ.

އެހާދިސާއަށްފަހު 2019 ވަނަ އަހަރު ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު ޑިފެންސް މިނިސްޓްރީން އެކުލަވާލިއެވެ. އެ ގަވާއިދުގެ ދަށުން ކެމިކަލް ރައްކާކޮށްފައި ހުންނަ ގުދަން ހުންނަންވާނީ މީހުން ދިރިއުޅޭ ތަންތަނާއި ދުރުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކެމިކަލް ގެންގުޅޭ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށްޓަކައި، މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމުގެ އިޚްތިޔާރު މިގަވާއިދުގެ ދަށުން ޑިފެންސް މިނިސްޓްރީއަށް ލިބިދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް