ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ކަރުދާސްތައް މި ހަފްތާގެ ފަހުކޮޅު ޗާޕުކުރަން ފެށޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ މިމަހުގެ 15 ގައެވެ. މި އިންތިޚާވަށް ތައްޔާރުވުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ޒަކަރިއްޔާ ވިދާޅުވީ މި ހަފްތާގެ ފަހުކޮޅު ވޯޓު ކަރުދާސް ޗާޕުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެއީ އިންތިޚާބާ ކައިރިކޮށްފައި ވޯޓު ކަރުދާސް ޗާޕުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ބައި އިލެކްޝަނަށް ޗާޕުކުރާނީ ކިހާ ވޯޓު ކަރުދާހެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި އިންތިހާބު އޮބްޒާވްކުރުމާއި މޮނިޓަރ ކުރުމަށް ކުރިމަތިލި ފަރާތްތަކަށް އާދިއްތަ ދުވަހު ވަނީ މައުލޫމާތު ސެޝަނެއްވެސް ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން، ގުރައިދޫ ދާއިރާގައި ހިމެނޭ ތިން ރަށުގައިވެސް ވޯޓު ފޮށި ބަހައްޓާނެ ތަންތަން ކަނޑައަޅާ އޮފިޝަލުން ކަނޑައެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ތިން ޕާޓީއަކުން ވާދަކުރެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ އާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމް އާއި އަދި އެމްއެންޕީއެވެ. ކެންޑިޑޭޓު ނަންބަރު އެކެއް ލިބިވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓް ޙުސައިން ރިޒާ އާދަމް އަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒަށް ލިބިވަޑައިގެންނެވިއިރު ކެންޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގަތީ އެމްއެންޕީގެ ކެންޑިޑޭޓް ޢަލީ ޢަރީފް އަށެވެ.