ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 17:30
އަމާން އުދަރެސް ފްލެޓުތައް
އަމާން އުދަރެސް ފްލެޓުތައް
ރައީސް އޮފީސް
ފަހި ދިރިއުޅުން ކޯޕަރޭޝަން
އެފްޑީސީގެ ހައުސިންގ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށައިފި
މުވައްޒަފުންގެ ޝަކުވާތަކުގެ ސަބަބުން މަޝްރޫއުގެ މަސައްކަތް 25 މާޗުގައި މެދުކެނޑުނު
31 މާޗުގައި އަލުން އެ މަސައްކަތްތައް ފަށާފައިވާ ކަމަށް ބުނޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު އަލުން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާދީއްތަ ދުވަހު އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރެއްގެ މުވައްޒަފުންގެ ޝަކުވާތަކުގެ ސަބަބުން މަޝްރޫއުގެ މަސައްކަތް 25 މާޗުގައި މެދުކެނޑުނު ކަމަށެވެ. ނަމަވެސް 31 މާޗުގައި އަލުން އެ މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އިންޑިއާގެ ކުންފުންޏަކުން ކުރިއަށްގެންދާ މި މަޝްރޫއާ ގުޅިގެން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން މިދިޔަ ހަފުތާގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. އެފްޑީސީން ބުނީ އެ ޝަކުވާތަކާ ގުޅޭ މައުލޫމާތު ލިބުމާއެކު އެ ކުންފުނިން މުވައްޒަފުންނާއި ކޮންތްރެކްޓަރާ ދެމެދު ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކޮށްދިނުމަށް ކޮންޓްރެކްޓަރަށް ބާރު އަޅަމުން އައި ކަމަށެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރާ ހަވާލާދީ އެފްޑީސީން ބުނީ މިހާރު ހުރިހާ ކަމެއް ހައްލުވެފައިވާ ކަމަށެވެ. އެގޮތުން، މުވައްޒަފުން އެދިފައިވާ ކަންކަމަށް ރިއާޔަތްކޮށް، އެކަންކަން ހަމަޖެއްސުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ބުންޏެވެ. މިކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

އެފްޑީސީން ވަނީ އެ ކުންފުނިން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދައްކަމުން އަންނަކަމުގެ ޔަގީންކަން ދީފައެވެ. އަދި އެއްބަސްވުމުގެ ދަށުން މަޝްރޫއުތައް ހިންގުމަށްޓަކައި އެ ކުންފުނިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރިއަށްދާ ކަމަށް ވެސް ބުންޏެވެ.

އެފްޑީސީން އަންނަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ މި 4000 ހައުސިންގ ޔުނިޓުގެ ހަވާލުކޮށްފައިވަނީ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެންބީސީސީ ލިމިޓެޑާއެވެ. މި މަޝްރޫއުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްގީކުރަމުންނެވެ.

- ކޮމެންޓް