ޖަރުމަނު ލީގުގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އަލުން އެއް ވަނަ އަށް ޖެހިލައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ބަޔާންގެ ދަނޑުގައި އޮތް މެޗަށް ކުރިމަތިލީއިރު އެއް ވަނައިގައި ޕޮއިންޓުގެ ލީޑަކުން އޮތީ ޑޯޓްމަންޑު އެވެ. އެހެންކަމުން ބަޔާނަށް އަލުން އެއް ވަނަ އަށް ޖެހިލެވެން އޮތީ ޑޯޓްމަންޑު ބަލިކޮށްގެންނެވެ. އަނެއްކޮޅުން އެއީ ބަޔާންގެ ކޯޗުކަމުން ހޫލިއަން ނާގަލްސްމަން ވަކި ކުރުމަށްފަހު އެ މަގާމަށް ތޯމަސް ޓުޗެލް ހަމަޖެއްސި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން އިން ވަނީ 4-2 އިން ޑޯޓްމަންޑު ބަލިކޮށްފަ އެވެ.
މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ލިބުނީ ޑޯޓްމަންޑުގެ ގޯލް ކީޕަރު ގްރެގާ ކޮބެލް އަތުން ބައި ކޮޅަށް ވަން ލަނޑުންނެވެ. އެ ލަނޑަށްފަހު ބަޔާން އިން ވަނީ ފުލުފުލުގައި އުފެއްދި ހަމަލާތަކާއެކު މުޅި މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ. އެ ލަނޑަށްފަހު މެޗުގެ 18 ވަނަ މިނެޓުގައި ބަޔާންގެ ޑިފެންޑަރު މަތައިސް ޑި ލިޓް ތަނަވަސްކޮށްދިން ފުރުސަތެެއްގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ކެޕްޓަން ތޯމަސް މުލާ އެވެ. އޭގެ ފަސް މިނެޓު ފަހުން މުލާ ވަނީ އިތުރު ލަނޑެއް ޖަހައި ބަޔާނަށް މެޗުގައި ތިން ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހީ ކިންގްސްލީ ކޯމަން އެވެ. އެއީ ލެރޯއީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޯމަން ޖެހި ލަނޑެކެވެ. އޭގެ ފަހުން ޑޯޓްމަންޑުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑަކީ މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެމްރޭ ކެން ޖެހި ލަނޑެކެވެ. ފަހު ލަނޑަކީ މެޗުގެ ފަހު ވަގުތުގައި ރަފައެލް ގުއެރެއިރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑޮނިއެލް މާލެން ޖެހި ލަނޑެކެވެ.
މޮޅާއެކު ބަޔާނުން މިވަނީ އަނެއްކާ ވެސް ޖަރުމަނު ލީގުގެ އެއް ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ ކުޅުނު 26 މެޗުން 55 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ލިބެނީ 53 ޕޮއިންޓެވެ.