ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 13:07
ރައީސާއި ޓޫރިޒަމް މިނިސްޓަރު ބައްދަލު ކުރައްވަނީ
ރައީސާއި ޓޫރިޒަމް މިނިސްޓަރު ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
ރިޔާސީ އިންތިޚާބު 2023
މައުސޫމް، ރައީސަށް ތާއީދު ކުރައްވާކަން ހާމަކުރެއްވީ ފޮޓޯއަކުން!
ޖޭޕީގެ ވަޓްސްއެޕް ގްރޫޕުންވެސް މައުސޫމް ވަނީ ނުކުމެވަޑައިގެންފައި
ރައީސާއެކު ނަންގަވާފައިވާ ފޮޓޯއެއް ވަނީ ފޭސްބުކް ކަވަރަށް ލައްވާފައި

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާ ކަމުގެ އިޝާރާތެއް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދެއްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި މިހާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމުމާގުޅިގެން މިހާރު ސަރުކާރުގައި އެ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި މެމްބަރުންގެ ތެރެއިން، ރައީސް ސާލިހަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ އެ ޕާޓީން ވަކިވެވަޑައިގަންނަވަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހާއި އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)ގެ އިތުރުން، މިނިސްޓްރީތަކުގެ ބައެއް ބޭފުޅުންވެސް ޖޭޕީން ވަނީ ވަކިވެވަޑައިގެންފައެވެ.

ސަރުކާރުގައި ޖޭޕީގެ ސްލޮޓުގައި ތިއްބެވި ބޭފުޅުން ތާއީދުކުރައްވާ ކޮޅެއް ބެލުމަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު، ހުކުރު ދުވަހުގެ ރޭ މިނިސްޓަރު މައުސޫމް ވަނީ އޭނާގެ ފޭސްބުކްގެ ކަވަރ ފޮޓޯ، ރައީސްއާއެކު ނަންގަވާފައިވާ ފޮޓޯއަކަށް ބަދަލުކުރައްވާފައެވެ. އަދި ޖޭޕީގެ ރަސްމީ ވަޓްސްއެޕް ގްރޫޕުތަކުންވެސް މިހާރު މައުސޫމް އަމިއްލައަށް ނުކުމެވަޑައިގެންފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މައުސޫމް ރައީސް ސާލިހަށް ތާއީދުކުރައްވާކަމުގެ އިޝާރާތްތަކެއް ދެއްވިނަމަވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި ޖޭޕީން ވަކިވެވަޑައިގަތުމާ ގުޅޭގޮތުންވެސް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.

ޖޭޕީގެ ސްލޮޓްގައި މި ސަރުކާރުގައި މައުސޫމުގެ އިތުރުން ދެ ވަޒީރަކު ތިއްބަވައެވެ. އެއީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް