ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 11:25
ބަޔާން މެޗުގެ ކުރިން، ޑޯޓްމަންޑުގެ ކޯޗު ޓާޒިކް ޕްރެސްގައި ވާހަކަދައްކަނީ
ބަޔާން މެޗުގެ ކުރިން، ޑޯޓްމަންޑުގެ ކޯޗު ޓާޒިކް ޕްރެސްގައި ވާހަކަދައްކަނީ
ރޮއިޓާސް
ޖަރުމަނު ލީގު
"ބަޔާންގެ ބެންޗުގައި މޮޅު ކޯޗެއް، ދަނޑު މަތީގައި މޮޅު ކުޅުންތެރިންތަކެއް"
 
އައު ކޯޗާއެކު ބަޔާންގެ ގިނަ ކަންކަން ބަދަލުވިނަމަވެސް، ޓާޒިކް ބުނީ ބަދަލުނުވާނެ ކަންކަންވެސް ހުންނާނެކަމަށް

ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ބެންޗުން ފެންނަނީ ވަރަށް މޮޅު ކޯޗެއްކަަމަށާއި، ދަނޑުމަތީގައި ތިބޭނީ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ކަމަށް, ބޮރޫޝިއާ ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިކް ބުނެފިއެވެ.

ޓާޒިކް މިހެން ބުނީ އިންޓަރނޭޝަނަލް ބްރޭކަށްފަހު ކުލަބް ފުޓުބޯޅަ އަލުން ފަށާއިރު، ބަޔާނާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަދައްކަމުންނެވެ. އޭނާ ބުނީ ބަޔާނުން އެ މެޗަށް ނުކުންނައިރު ޓީމުގައި ހުރީ އައު ކޯޗެއްކަމަށާއި، އޭގެ ސަބަބުން ޓީމުގެ ތައްޔާރުވުންތަކާއި، ކަންކަމަށް ބަދަލު އަންނާނެކަމަށެވެ. އޭނާ ބުނީ އެ މެޗަށް ނުކުންނައިރު، މީގެ ކުރިން ބަޔާނުން ކުޅެފައިވާ މެޗުތައް ބަަލައި ދިރާސާކޮށްފައި ވާނެކަމަށެވެ. ނަމަވެސް ކޯޗު ބަދަލުވުމާއެކު، ތޯމަސް ޓުޗެލް އިޚްތިޔާރުކުރާނީ ކޮން ކަންތައްތަކެއް ކަމެއް ނޭނގޭކަމަށާއި، ޔަގީނުންވެސް ހޫލިއަން ނާގަލްސްމަންގެ ނިންމުންތަކާ ތަފާތުވާނެކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ހުރިހާ ކަމެއް ބަދަލުވިނަމަވެސް، ބަދަލުނުވާނެ ކަންކަންވެސް ހުންނާނެކަމަށެވެ. ބަޔާންގެ ބެންޗުން ދެންވެސް ފެންނަނީ މޮޅު ކޯޗެއްކަމަށާއި، ދަނޑު މަތީގައި ކުޅެން ތިބޭނީ މޮޅު ކުޅުންތެރިންތަކެއް ކަމަށްވެސް ޓާޒިކް ބުންޏެވެ. ޓާޒިކް ބުނީ އޭނާ ގަބޫލުކުރާގޮތުގައި، އެއީ ރަނގަޅު ވަގުތުގައި ރަނގަޅު ނިންމުން ނިންމާތީ ދިމާވާ ކަމެއް ކަމަށެވެ. އޭނާ ބުނީ ހަމައެކަނި ބަލަން ޖެހުނީ ބަޔާނުން ކުޅުނު މެޗުތަކަށް ނޫން ކަމަށާއި، ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީން ކުޅުނު ފުރަތަމަ ހަ މެޗުވެސް ބަލަން ޖެހުނު ކަމަށެވެ.

ޓާޒިކް ބުނީ ކުރިއަށް އޮތް މެޗަކީ އޭނާއާއި ޑޯޓްމަންޑުގެ ކުޅުންތެރިންނަށްވެސް ވަރަށް ޚާއްޞަ މެޗެއް ކަމަށެވެ. އޭނާ ބުނީ ނާގަލްސްމަނާ ދޭތެރޭ ކަންތައް ކުރެވިގެން ދިޔައީ އެންމެ ރަނގަޅަށް ނޫންކަމަށާއި، އޭނާއަކީ ވަރަށް މޮޅު ކޯޗެއް ކަމަށް ގަބޫލުކުރާކަމަށެވެ. އޭނާ ބުނީ އެކަމުން ސާބިތުކޮށްދެނީ ފުޓުބޯޅާގައި ވަރަށް އަވަހަށް ކަންކަން ބަދަލުވެދާނެކަން ކަމަށާއި، އޭނާގެ މަގާމުގައި ތިބި އެންމެންނަށްވެސް އެއީ ބިރުވެރި ސިގުނަލެއް ކަމަށެވެ. ނަމަވެސް އޭނާ ބުނީ ބޭނުންވަނީ ފަސް ބެލުމެއް ނެތި ކުރިއަށް ދާން ކަމަށާއި، އޭނާ ބޭނުންވަނީ ޓުޗެލްއަށްވެސް މަރުހަބާ ކިޔަން ކަމަށެވެ. މީގެ އިތުރުން ޓާޒިކް ބުނީ ބަޔާން މެޗަކީ ފަސޭހަ މެޗަކަށް ނުވާނެކަމަށާއި، އިދިކޮޅު ޓީމަށް ފުރިހަމައަށް އިހުތިރާމްކުރާނެ ކަމަށެވެ. އޭނާ ބުނީ ކުރިމަތީގައި އޮތީ ވަރަށް ބޮޑު ޓާސްކެއް ކަމަށާއި، ޑޯޓްމަންޑުން މިހާތަނަށް ރަނގަޅު ފުރުސަތުތަކެއް ހޯދާފައިވާކަމަށެވެ. އެހެންކަމުން ބޭނުންވަނީ އެކަން ދަމަހައްޓަން ކަމަށްވެސް ޓާޒިކް ބުންޏެވެ.

ބަޔާން މެޗަށް ނުކުންނައިރު، ޖަރުމަނު ލީގުގެ އެއްވަނާގައި އޮތީވެސް ޑޯޓްމަންޑެވެ. އެއީ ބަޔާނަށްވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް