ކ. މާލެ
|
29 މާރޗް 2023 | ބުދަ 03:22
ޖަސްޓިސް ބިލްޑިންގ
ޖަސްޓިސް ބިލްޑިންގ
ރާއްޖެއެމްވީ
އެމްޑީއެން އުވާލުން
އެމްޑީއެން އުވާލީ ރަނގަޅަށް: ސިވިލް ކޯޓު
އެމްޑީއެން އުވާލީ 2019 ވަނަ އަހަރު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެމްޑީއެން އުވާލަން ސަރުކާރުން ނިންމީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަވާ ފަދަ ވާހަކަތަކެއް ހިމެނޭ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު ޝާއިއުކުރި މައްސަލައިގައެވެ. އެ ޖަމިއްޔާ އުވާލީ 2019 ވަނަ އަހަރުއެވެ.

އެ ޖަމިއްޔާ އުވާލުމުން އެކަން ކޮށްފައިވަނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ އެ ޖަމިއްޔާއިން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅީ އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލްއެވެ.

އޭނާ ކޯޓަށް ހުށަހެޅި މައްސަލައިގައި ޖަމިއްޔާ އުވާލީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ބުނެ ޔޫތު މިނިސްޓްރީގެ ނިންމުން ބާތިލުކޮށްދޭން ކޯޓުގައި އެދިފައިވެއެވެ.

ސިިވިލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމުގައިވަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިގެންވާ ބާރުގެ ދަށުން އެމްޑީއެން އުވާލަން ނިންމާފައިވަނީ ޖަމިއްޔާތަކާބެހޭ ގާނޫނުގައި ބުނާ އިޖުރައަތްތައް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. އަދި އިސްލާމްދީނާ ޚިލާފު އަދި ދީނީ އެއްބައިވަންތަކަން ގެއްލޭ ކަންކަން ކުރުމަކީ ޖަމިއްޔާތަކަށް މަނާ ކަމެއް ކަމަށް ވާއިރު، އެމްޑީއެންއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ޚިލާފު ވާހަކަތަކެއް ހިމަނާފައިވާ ކަމަށް އެ ހުކުމުގައިވަނީ ފާހަގަކޮށްފައެވެ.

މި ހުރިހާ ކަންކަމަށް ބަލައި އެމްޑީއެން އުވާލަން ނިންމި ނިންމުން ގާނޫނާ ޚިލާފު ކަމަށް ނުބެލެވޭ ކަމަށް ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

- ކޮމެންޓް