ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި މިރޭ އިނގިރޭސިވިލާތާ ދެކޮޅަށް ކުޅެން ވަރަށް ގިނަ ތަކުލީފްތަކަކަށް ފަހު ޔޫކްރެއިން ޓީމު އެ ގައުމަށް ގޮސްފި އެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނުގައި ވައިގެ ދަތުރުފަތުރު ވަނީ ހުއްޓިފަ އެވެ. މިހެންވެ ޔޫކްރެއިނުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުން ލަންޑަނަށް ދަތުރުކުރަން ޖެހޭނީ ޕޮލެންޑް އެއާޕޯޓުންނެވެ. ނަމަވެސް އެހިސާބަށް ދިއުމަށް އެމީހުން ކުރަން ޖެހުނީ ދިގު އަދި އުނދަގޫ ދަތުރެކެވެ.
ޓީމުގެ ކިޓް މެނޭޖަރު ޖާޒީ އާއި އިސްޓާކީނާއި ކުޅުންތެރިންނާއި ކޯޗުންނަށް ބޭނުންވާ އެންމެހާ ސާމާނުއެޅި ފޮށިތައް ހިފައިގެން ޔޫކްރެއިނުގެ ބޯޑަރު ހުރަސްކޮށް ޕޮލެންޑަށް ދިއުމަށް 8 ދުވަސް ހޭދަވި އެވެ. މިއީ 450 މޭލުގެ ދިގުދަތުރެކެވެ.
ޔޫކްރެއިނުގެ ކުލަބެއް ކަމަށްވާ ޑީނަމޯ ކިއޭވްގެ ހަތަރު ކުޅުންތެރިންނާއި އޮލެކްސަންދްރިއާގެ ކުޅުންތެރިއަކާއި ކޯޗިން ސްޓާފުންގެ ބަޔަކާއި މެޑިކަލް ޓީމު އަދި އެނޫން ވެސް ޓީމުގެ ބައެއް އޮފިޝަލުން ޕޮލެންޑްގެ ހުޅަނގުފަޅިން އެ ގައުމަށް އެތެރެވީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ދަތުރު ފަށައިގެން އެއް ރެއެއްގެ ދަންވަރު އެވެ. އެއީ ޔޫކްރެއިނުގެ ވެރިރަށް ކިއޭވަށް ގޮސް އެތަނުން ދަތުރުފެށި ޓްރޭނަކަށް އަރައިގެންނެވެ.
މީގެ 12 ގަޑިއިރު ފަހުން ބަހަކަށް އަރައިގެން 50 މޭލުގެ ރާސްތާއެއް ކަޑައްތުކޮށް ރެސްޒޯ އަށް ދަތުރުކުރީ ކިޓް މެނޭޖަރާ ގުޅުމަށެވެ. އެ ހިސާބަށް ދިޔައިރު ކިޓް މެނޭޖަރާއެކު ގައުމީ ޓީމަށް ކުޅޭ ޝަކްޓާ ޑޮނެސްޓް އަދި ޑިނިޕްރޯ އާއި އޮލެކްސަންދްރިއާގެ 10 ކުޅުންތެރިއަކު ވެސް އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. އަދި މިއެންމެން ހެނދުނު ބަހަކަށް އަރައިގެން ޕޮލެންޑަށް ދަތުރުފެށި އެވެ.
ޔޫކްރެއިން ޓީމުން ބުނީ ހަނގުރާމައިގެ ސަބަބުން އެމީހުންނަށް ޖެހިފައިވަނީ މެޗު ކުޅެން އެހެން ގައުމުތަކަށް ދިއުމަށް މިލިޓްރީ އޮޕަރޭޝަނެއް ފަދަ ކަމެއް ކުރަން ކަމަށެވެ. އެއީ މި ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނުގައި މެޗުތައް ކުޅެން ފީފާ އަދި ޔޫއޭފާއިން މަނާކޮށްފައި އޮތުމުންނެވެ. މިހެންވެ ސަރަހައްދީ މުބާރާތްތަކުގައި ޔޫކްރެއިނުގެ ކުލަބުތަކާއި ގައުމީ ޓީމަށް ވެސް ހޯމް މެޗުތައް ކުޅެން އިހްތިޔާރު ކުރަނީ ޕޮލެންޑެވެ. މިކަން ކުރަނީ އެ ގައުމުގެ ސްޓޭޑިއަމްތައް ކުއްޔަށް ހިފައިގެންނެވެ. މިހެންވުމުން ޔޫކްރެއިނުގެ ފުޓްބޯޅަ މުބާރާތްތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. ޔޫކްރެއިން ލީގުގެ ބައެއް މެޗުތައް ޕޮލެންޑްގައި ކުޅެން އުޅުނަސް އެކަށީގެންވާ ތަރުހީބެއް ނުލިބެ އެވެ. ނަމަވެސް މިރޭގެ މެޗަށް ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމަށް ވަނުމަށް ޔުކްރެއިނުގެ 3000ވުރެ ގިނަ މީހުން ވަނީ ޓިކެޓް ގަނެފަ އެވެ.