ކ. މާލެ
|
4 ޖުލައި 2021 | އާދީއްތަ 02:11
ޔޫކްރޭނާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންގްލެންޑް މޮޅުވީ 4-0 ން
ޔޫކްރޭނާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންގްލެންޑް މޮޅުވީ 4-0 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ފަސޭހަކަމާއެކު ޔޫކްރޭން ބަލިކޮށް އިންގްލެންޑް ސެމީއަށް
ސެމީގައި އިންގްލެންޑް ބައްދަލުކުރަން ޖެހޭނީ ޑެންމާކާ
ޔޫކްރޭން އަތުން އިންގްލެންޑް މޮޅުވީ 4-0 ގެ ނަތީޖާއަކުން

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި ފަސޭހަކަމާއެކު ޔޫކްރޭން ބަލިކޮށް ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކޮށްފިއެވެ.

އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން އިންގްލެންޑް މޮޅުވިއިރު، މި ފަހަރުގެ ޔޫރޯގައި އިންގްލެންޑް ކުޅުނު ފަސް މެޗުގައިވެސް އެ ޓީމު ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި އިންގްލެންޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ރަހީމް ސްޓާލިން ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށްވެސް ލަނޑު ޖަހަން މާކަ އެދެވޭ ފުރުސަތެއް ލިބިފައެއް ނުވެއެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން އިންގްލެންޑުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 46 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ލޫކް ޝޯގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހެރީ މެގުއާއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ކޭން ވަނީ އިންގްލެންޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެން މި މެޗުގައި އިންގްލެންޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖޯޑަން ހެންޑަސަންއެވެ.

މި މޮޅާއެކު ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކުރިއިރު، މިއީ މިދިޔަ 25 އަހަރު ތެރޭ އިންގްލެންޑުން ޔޫރޯގެ ސެމީގައި ކުޅޭ ފުރަތަމަ ފަަހަރެވެ. އިންގްލެންޑުން އެންމެ ފަހުން ޔޫރޯގެ ސެމީގައި ކުޅުނީ 1996 ވަނަ އަހަރެވެ.

މި ފަހަރުގެ ސެމީގައި އިންގްލެންޑް ބައްދަލުކުރަން ޖެހޭނީ ޗެކް ރިޕަބްލިކް ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދި ޑެންމާކާއެވެ.

ސެމީގެ މެޗުތައް:

  • އިޓަލީ - ސްޕެއިން (އަންގާރަ ދުވަހުގެރޭ)
  • އިންގްލެންޑް - ޑެންމާކް (ބުދަ ދުވަހުގެރޭ)
- ކޮމެންޓް