ކ. މާލެ
|
26 މާރޗް 2023 | އާދީއްތަ 10:28
އަމާން އުދަރެސް ފްލެޓުތައް
އަމާން އުދަރެސް ފްލެޓުތައް
ރައީސް އޮފީސް
އަމާން އުދަރެސް
އެފްޑީސީ އިން އަޅާ ފްލެޓުތައް ރޯދަ މަހު ބަލާލެވޭނީ ބުކިން ހައްދައިގެން
މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ދެ ކުންފުންޏަކުން
އާދީއްތަ ދުވަހުން ފެށިގެން ފްލެޓުތައް ބަލާލެވޭނީ ހެނދުނު 9:00 އިން މެންދުރު 11:00 އާ ދެމެދު
ޒިޔާރަތް ކުރާއިރު 12 އަހަރުން ދަށުގެ ކުޑަކުދިން ގެންދިއުން މަނާވާނެ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަޅަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، އެ ހައުސިންގ ޔުނިޓް ބަލާލަން ބޭނުންވާ ފަރާތްތަކުން މި ރޯދަ މަހު ބުކިންގ ހައްދަން ޖެހޭ ގޮތަށް ހަދައިފިއެވެ.

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. އެއީ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެންބީސީސީ ލިމިޓެޑުންނެވެ. މި މަޝްރޫއުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްގީކުރަމުންނެވެ.

މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، މިތަންތަން ނިމިގެންދާއިރު ހުންނާނެގޮތް ދައްކުވައިދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ "އެކްސްޕީރިއަންސް ޔުނިޓް"ގެ ގޮތުގައި ދެ ޔުނިޓެއް އާއްމުން ދައްކާލުމަށްޓަކާ ތައްޔާރުކޮށްފައެވެ. މި ދެ ޔުނިޓް ތައްޔާރުކޮށްފައިވަނީ ޖޭއެމްސީއިން މަސައްކަތްކުރަމުންދާ ޓަވަރުތަކުގެ ތެރެއިން 12 ވަނަ ޓަވަރުގައެވެ. "އެކްސްޕީރިއަންސް ޔުނިޓް"ގެ ގޮތުގައި ތައްޔާރުކޮށްފައިވަނީ 3 ކޮޓަރީގެ 2 ޔުނިޓެކެވެ.

އެފްޑީސީން ވަނީ ފްލެޓުތައް ބަލާލަން ރޯދަ މަހު ޒިޔާރަތް ކުރެވޭ ގަޑިތަކަށް ވެސް ބަދަލު ގެނެސްފައެވެ. އެގޮތުން އާދީއްތަ ދުވަހުން ފެށިގެން ފްލެޓުތައް ބަލާލެވޭނީ ހެނދުނު 9:00 އިން މެންދުރު 11:00 އަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

"އަމާން އުދަރެސް" ގެ މި ފްލެޓުތަކުގެ މޮކް އެޕާޓްމަންޓު ބަލާލުމުގެ ފުރުސަތު އެފްޑީސީން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. އެގޮތުން، ހަފުތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ހަވީރު 6:00 އާ ހަމައަށް އެ ކުންފުނިން އައީ ޒިޔާރަތް ކުރާ ކޮންމެ ފަރާތަކަށް ވެސް ފްލެޓުތައް ދައްކާލަމުންނެވެ. ނަމަވެސް ރޯދަ މަހު ފްލެޓު ދައްކާ ވަގުތު ކުޑަކުރުމުގެ ސަބަބުން ބުކިންގ ހައްދާގޮތަށް ބަދަލު ކުރީ ކަމަށާއި އެގޮތަށް އަމަލު ކުރާނީ ރޯދަ މަސް ނިމެންދެން ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.

އެ ކުންފުނިން މިހާރު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބުކިންގ ހެއްދުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ބުކިންގ ހައްދާއިރު އެއްފަހަރާ ބުކިންގ ހެއްދޭނީ ހަތަރު މީހުންގެ ގްރޫޕަކަށެވެ. އަދި ފްލެޓު ބަލަން ޒިޔާރަތް ކުރާއިރު 12 އަހަރުން ދަށުގެ ކުޑަކުދިން ގެންދިއުން މަނާވާނެއެވެ. އެއީ އެތަނަކީ އަދިވެސް އިމާރާތް ކުރަމުންދާ ތަނަކަށްވާތީ ރައްކާތެރިވުމުގެ ގޮތުން ނިންމާފައިވާ ނިންމުމުކެވެ.

މި ޕްރޮޖެކްޓްގެ ދަށުން 650 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕްޓާމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްކުރިއަށް ދަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން، މި އަހަރު ތެރޭގައި 13 ޓަވަރުގެ މަސައްކަތް ނިންމާ މީހުން އާބާދުކުރެވޭނެ ކަަމަށް ވަނީ ލަފާ ކޮށްފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓް އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ވެވުނު ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގްޒިމް ބޭންކާ ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ސޮއިކޮށްފައި ވަނީ 267 މިލިއަން ޑޮލަރުގެ ބަޔާސް ކްރެޑިޓް ފެސިލިޓީއެއްގައެވެ. މި ފެސިލިޓީއަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ދެ ކުންފުންޏަކާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސިން ޔުނިޓު ތަރައްގީކުރުމަށް ސަރުކާރުގެ ސަވަރިން ގެރެންޓީގެ ދަށުން ހަމަޖެހިފައިވާ ދެ ލޯނެވެ. އެއީ 130 މިލިއަން ޑޮލަރުގެ ލޯނަކާއި 137 މިލިއަން ޑޮލަރުގެ ލޯނެކެވެ.

- ކޮމެންޓް