މި ސަރުކާރުން 17 މިސްކިތެއްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާފައިވާ ކަމަށާއި، އިތުރު 16 މިސްކިތެއްގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުރީގައި އަޅަމުން އައި މިސްކިތްތަކުގެ ޑިޒައިންތައް ހުންނަނީ ވަކިގޮތަކަށް ކަމަށެވެ. ނަމަވެސް ސަރުކާރުން ހާއްސަ ޑިޒައިންތަކެއް ކުރަހާފައި މިސްކިތްތައް އަޅަމުން ގެންދާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން، މިސްކިތްތަކުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް ކޮންމެ ރަށެއްގައިވެސް، މިސްކިތަކީ އެރަށެއްގައި ހުންނަ އެންމެ ރީތި އެންމެ ފުރިހަމަ އިމާރާތެއްގެ ގޮތަށް ހެދުން އެއީ އަމާޒުކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިހާރު އަޅާ މިސްކިތްތައް ވަރަށް ތަފާތުވާނެ. ބަލާލީމަ އެއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ވިއްޔާ އެއީ 300 މީހުންގެ ޖާގައިގެ މިސްކިތެއްކަން. 500 މީހުންގެ ޖާގައިގެ މިސްކިތެއް ވިއްޔާ 500 މީހުންގެ ޖާގައިގެ މިސްކިތެއްކަން. އަޅުގަނޑުމެން 3 ޑިޒައިނެއް ތައްޔާރު މިކުރީ. އެއީ 300 މީހުންނާއި، 500 އަދި 700ގެ ޖާގައިގެ. ވަރަށް ތަފާތުވާނެ، އަޅުގަނޑުމެން މިސްކިތްތައް އަޅާ ނިމޭއިރު، ހުރިހާ މިސްކިތެއް ވެސް ހުންނާނި އޭސީ ކުރެވި، ސޯލާ ޕެނަލްއިން ކަރަންޓު ލިބޭގޮތަށް.އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ބޭނުންވި އެއްކަމަކީ ރާއްޖެއަށް އަންނަ ތަރައްގީއާ އެއްވަރަށް މިސްކިތްތަކުން އެ ރީތިކަން ފެނިގެން ދިއުން ކަމަށެވެ. އެހެންވެ ވަރަށް ތަފާތު ޑިޒައިންތަކަށް މިސްކިތްތައް އަޅަމުން ގެންދަވާ ކަމަށާއި، ހަމަ އެގޮތަށް އިސްލާމިކް ސެންޓަރުތައް ވެސް މިހާރު ޑިޒައިންކޮށްފައި ހުންނާނީ ކުރިޔާ ވަރަށް ތަފާތުކޮށް ކަމަށެވެ. އިސްލާމިކް ސެންޓަރުތައް ނިމިގެންދާއިރު، ރައްޔިތުންނަށް ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ، ތަފާތު ކަންކަމަށް ބޭނުންކުރެވޭނެ ޖާގަ ވެސް ހިމެނިފައި ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާތަަނަށް ސަރުކާރުން 17 މިސްކިތެއްގެ މަސައްކަތް ނިމި ބޭނުންކުރަމުންދާނެ. 2023 ގައި 12 މިސްކިތެއް ބިނާކުރުމަށް ކައުންސިލްތަކުގައި ބިން ހޯދުމަށް އެދިފައިވާނެ. 7 މިސްކިތެއް ވާނެ ފިނޭންސް މިނިސްޓްރީގައި ޓެންޑަރ މަރުހަލާގައި. މިހާރު ކުރިއަށް އެބަދޭ 16 މިސްކިތެއްގެ މަސައްކަތް. އެހެންވީމާ 16 މިސްކިތެއްގެ މަސައްކަތް ކުރިއަށް ގޮސް ލަސްތަކެއް ނުވެ ނިންމާލެވޭނެކަމަށް ގަބޫލުކުރެވެނީއިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ
މިނިސްޓަރ ވިދާޅުވީ މިސްކިތްތައް ބިނާކުުރުމުގެ ބޮޑު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. ކުރިއަށް އޮތްތާގައި މިސްކިތްތައް ނިމި ރަށްރަށުގައި ނަމާދުކުރަން ހުރި ދަތިތައް އަދި މީހުންނަށް ދިމާވެފައި ހުރި އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.