Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2025 | ހުކުރު 13:23
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
މުޖުތަމައަށް އިޖުތިމާއީ ގޮތުންނާއި އަހުލާގީ ގޮތުން އައިސްފައިވާ ބަދަލުތަކާމެދު ވިސްނަންޖެހޭ
މައިންބަފައިންނަށް ނުކިޔަމަންތެރިވެ، މުސްކުޅިވީ ދުވަހު އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުން ހިމެނޭ
ހަރާމް އެއްޗަކުން ލިބޭ އެއްޗެއް ކައިގެން ހެދިބޮޑުވާ ހަށިގަނޑަކީ ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެއް

އެ ބިމެއްގައި މާތް الله ނުރުއްސަވާކަންތައް ގިނަވެ، މުންކަރާތްތަކާއި ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ، އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''މުޖުތަމައު އިސްލާހުކުރުން، އެންމެންގެ ޒިންމާ'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، އިޖްތިމާއީ ގޮތުންނާއި، އަހުލާގީ ގޮތުން މުޖުތަމައުތައް ފަސާދަވަނީ މާތް الله ދެއްވި މަތިވެރި ނިއުމަތްތައް ހަނދާން ނައްތައިލުމުން ކަމަށާއި، ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތް اللهއަށް އުރެދި ޣާފިލުވުމުން ކަމަށެވެ.

ޝައްކެއްނެތް ގޮތުގައި އެ ބިމެއްގައި މާތް الله ނުރުއްސަވާކަންތައް ގިނަވެ، މުންކަރާތްތަކާއި ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ، އެ މުޖުތަމައެއް ފަސާދަވެ ފަނާވެދާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުން މުޖުތަމައު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ މުޖުތަމައެއްގެ އެންމެހައި ފަރުދުންނާއި، ޖަމާއަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ، ފަހުގެ ތާރީޚުގައި އަހަރެމެންގެ މުޖުތަމައަށް އިޖުތިމާއީ ގޮތުންނާއި އަހުލާގީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެ އާ މެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރު ކުރާންޖެހިފައިވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމަށް އަލިއަޅުވާލާފައެވެ.

އެގޮތުން މިސްކިތުގެ ހުރުމަތް ކަނޑައިލުމާއި، ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް އައިބުކިއުމާއި، ޖަދަލުކުރުމާއި، ހަޑިހުތުރު އެއްޗެހިގޮވުމާއި، ޒުވާބުކުރުމާއި، މީސްތަކުންގެ އަބުރާބެހުމާއި، ދޮގުވާހަކަތައް ފެތުރުމާއި، މިފަދަ ކަންކަންކުރާ ކަމަށެވެ.

ޚުތުބާގައި ބުނީ މައިންބަފައިންނަށް އުރެދި އެމީހުންނަށް ނުކިޔަމަންތެރިވުމާއި، މުސްކުޅިވީ ދުވަހު އެ މީހުންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުން ހިމެނޭ ކަމަށެވެ.

ނަމަވެސް މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ އުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކެމެއް ކަމަށާއި،އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެކެވެ. ވަޞިއްޔަތް ކުރައްވައިފައިވަނީ އެކަމުގެ މަތިވެރިކަމުންނެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށްހިތުމަށް) ތިމަންރަސްކަލާނގެ وصيةކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާ އެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތުނބުން ވީއްލުން ވަނީ، ދެ އަހަރުގައެވެ. (ތިމަންރަސްކަލާނގެ أمرކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكرކުރާށެވެ! އެނބުރި رجوعވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ." ކީރިތި ގުރްއާނުގެ ތިން ސޫރަތެއްގައި މި ގޮތަށް ވަސިއްޔަތްކުރައްވައިފައި ވުމުގެ އިތުރުން އެތައް މަގާމެއްގައި މައިންބަފައިންނަށް އިހުސާންތެރިވުމަށް އަމުރުކުރައްވައިފައި ވެއެވެ.

ހުކުރު ޚުތުބާ

ވިޔަފާރީގައި މަކަރު ހެދުމުގެ ނުބައި ކަމުގެ މައްޗަށް ވެސް އަލިއަޅުވާލައި ޚުތުބާގައި ބުނީ، ވިޔަފާރީގައި ތެދުވެރިވުމަކީ އަޅުކަމެއް ކަމަށާއި، ވިޔަފާރީގައި މަކަރުހެދުމަކީ މާތް الله ލައަުނަތް ލައްވައިފައިވާ އެކަމުގެ އަޒާބު ބޮޑުކަމެއް ކަމަށެވެ. ޚުތުބާގައި ބުނީ ހަރާމް އެއްޗެއް ކައިގެން، ނުވަތަ ހަރާމް އެއްޗަކުން ލިބޭ އެއްޗެއް ކައިގެން ހެދިބޮޑުވާ ހަށިގަނޑަކީ ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެއް ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ބަންގީގެ އަޑު އިވުނަސް، މާއްދިއްޔަތަށްޓަކައި ފިހާރަތަކާއި، ހޮޓާތައް ހުޅުވައިގެން ޚިދުމަތްދޭން ތިބެނީ ވެސް ހަމަ އަހަރެމެން ކަމަށާއި، މުޖުތަމައުގެ އިސްލާމީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފޭރާން އަޅައިގެން އުޅުމާއި، ރަށުތެރޭގައި ނިވާކަން ކުޑަ ފޮޓޯތަކާއި އިޝްތިހާރުތަކާއި ޞޫރަތައް ހަރުކުރަނީ ވެސް ހަމަ އަހަރެމެން ކަމަށެވެ.

މިފަދަ އެންމެހައި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރިވެ ޚުތުބާގައި ވަނީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ކުދީންނާއި، މީހުންނަށް ވެސް އެހީތެރިވުމަށް ގޮވާލާފައެވެ.

އޭގެތެރޭގައި ލޭއަޅާ ކުދިންނާއި، ކުޑަކުދީންގެ ހިޔާތަކުގައި ދިރިއުޅެމުންދާ ކުޑަކުދީންނާއި، ޔަތީމު ކުދީން ނުވަތަ ކޮންމެވެސް ސަބަބަކާހުރެ، މަންމައާއި ބައްޕަގެ އެހީތެރިކަން ލިބިފައިނުވާ ކުދީންގެ ވާހަކަ ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް