ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމާއި ބެހޭގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވެވި ސިޓީ ޔޫއެންގެ ވޯކިންގް ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަންއަށާއި އދ. އިންސާނީ ޙައްގުތަކާއި ބެހޭ ކޮމިޝަނަރު ޕްރިންސް ޒައިދުގެ އޮފީހަށް ފޮނުއްވާފައިވާކަމަށް އދ. ޚާއްސަ ރެޕަޓުއާރ ޑރ. އަޙުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވެފައިވަނީ ބުދަ ދުވަހު ކުރެއްވި ޓުވީޓެއްގައިއެވެ.
ޑރ. ޝަހީދު ވަނީ މީގެ ކުރިން، އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުދޭ ކަމަށް ބުނާ މައްސަލަ އދ. އަށް ހުށަހަޅާފައިވާކަން ހާމަކުރައްވާފައެވެ. އަދި ޑރ. ޝަހީދުވަނީ އަދީބުގެ މައްސަލާގައި އދގެ ސިއްހަތާ ބެހޭ ހާއްސަ ރެޕަޓުއާ ޑރ. ޑެނިއަސް ޕޫރަސްއާއި ބައްދަލު ކުރައްވާފައެވެ. ނަމަވެސް އޭގެ ތަފުސީލެއް ޑރ. ޝަހީދު އަދި ހާމައެއް ނުކުރައްވައެެވެ.
ޖޫން މަހުގެ 20 ވަނަ ދުވަހު ސުޕްރީމް ކޯޓަށް އަދީބުގެ ފަރާތުން ހުށަހަޅުއްވާފައިވާ ސިޓީގައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު، ގ. އެނިފްގައި ނާޒިމް އުޅުއްވި އެޕާޓްމެންޓުން ފެނުނު ކަޅުކުލައިގެން ދަބަހަކުން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައިގެ ހަގީގަތާއި އެކަން ހިނގާދިޔަ ގޮތް ނުހަނު ރަނގަޅަށް އެނގޭކަމަށާއި ނާޒިމްގެ ކޮޓަރިން ފެނުނު އެ ތަކެއްޗަކީ ނާޒިމްގެ އެއްޗެހިނޫން ކަމަށެވެ. އަދި ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ތަކެތި ފެންނަން ޖެހުނު ގޮތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމުގެ ކަށަވަރުކަން ވެސް އޮތް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދަށް އެޑްރެސްކުރައްވައި އަދީބު ފޮނުއްވާފައިވާ ސިޓީގައި ވެއެވެ.
ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލަ ފެނުނު މައްސަލައާ ގުޅިގެން އޭނާ 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނިންމާ ހައިކޯޓުން ތާއީދުކޮށްފައިވާ ނިންމުމަކީ ރަގަޅު ނިންމުމެއް ކަމަށް ކަނޑައަޅާފައެވެ.
ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަދީބުގެ ޑީއެންއޭ ފެނުނުކަމަށް ފުލުހުން މީގެ ކުރިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން އިސްތިއުނާފްގެ މައްސަލަ ހުށަހެޅުމުގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އެކަން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައެއް ނުވެއެވެ.
ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ހުކުމްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހު އެވެ. ޖަލަށް ހުކުމް ކުރި ނަމަވެސް ދޭތެރެ ދޭތެރެއިން ނާޒިމް ގެއަށް ބަދަލުކޮށްފައި ވެއެވެ. އެންމެ ފަހުން ނާޒިމް ގެއަށް ބަދަލުކޮށްފައި ވަނީ ރޯދަ މަހަށެވެ. ރޯދަ މަސް ނިމުމާ އެކު ހުކުރު ދުވަހު ކަރެކްޝަންސް އިން ނާޒިމް ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރަކީ ފުލުހުން ވެއްދި ތަކެތި ކަމަށް ކަނޑައަޅައި، ނާޒިމް ވަގުތުން ދޫކޮށްލައި ޖަލުގައި ހުންނަވަންޖެހި ވަޑައިގަތުމުގެ ސަބަބުން ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ދިވެހި ސަރުކާރަށް މީގެކުރިންވެސް އަންގައިފި އެވެ.