ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓާއި ބައްދަލުކުރައްވައި ހޮސްޕިޓަލްގެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ވަނީ ޞިއްޙީދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި މިހާރު އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާވެ ހޯދިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ހޮސްޕިޓަލު އިތުރަށް ތަރައްޤީކުރުމަށް މިހާރު ކުރިޔަށްދާ މަސައްކަތްތައް ފާހަގަކުރައްވައި ހޮސްޕިޓަލަށް އިންސާނީ ވަޞީލަތް އަދިވެސް އިތުރަށް ބޭނުންވާކަމާއި މީގެ އިތުރުން ވެސް ޚިދުމަތުގެ ގޮތުންނާއި ވަޞީލަތުގެ ގޮތުން އިތުރަށް ބޭނުންވާކަންކަން މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ހޮސްޕިޓަލުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ޙައްލު ހޯދެން ހުރިކަންކަމަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ނައިބު ރައީސްގެ ދަތުރުފުޅުގައި ވަނީ މޯލްޑިވިއަން އެކެޑަމީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. އަދި އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯރސްމަންޓް އަށް ވަޑައިގެން އެތަނުގެ އިސްވެރިންނާއި އެތަނުގައި ކިޔަވާކުދިންނާއި ބައްދަލުކުރައްވާފައި ވެއެވެ.