އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މަސައްކަތުގެ ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ރާއްޖެ ތަރައްގީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަަށް އެބަ ގެންދެވޭ ކަމަށާއި ރާއްޖެއަށް އަންނަ ތަރައްޤީ ދީނީ އިމާރާތްތަކުން ފެނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމަށް ވިދާޅުވި އެވެ. އެގޮތުން މިހާރު އިމާރާތްކުރެވޭ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ ޑިޒައިނަށް އައިސްފައިވާ ބަދަލު މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މާލެއިން ބޭރުގައި އެއްވެސް ޕްރޮޖެކްޓެއް ބަޔަކާ ހަވާލުކުރުމަށް މިހާތަނަށް ސޮއިކުރެވިފައިނުވާކަމަށާއި އެހެންނަމަވެސް އައްޑޫ ސިޓީގެ އިސްލާމީ މަރުކަޒު ގާއިމްކުރުމަށްޓަކައި މިފަދަ އެއްބަސްވުމެއް މިވެވުނީ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ.
އައްޑޫސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމްވެގެން ދިއުމަކީ އެ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން އުންމީދަކީ އެއްބަސްވުމުގައި ވާގޮތަށް ކޮންޓްރެކްޓަރ މި މަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ މުައްދަތުގައި ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
2 ފަންގިފިލާ އަށް އިމާރާތްކުރާ އައްޑޫސިޓީ އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި 4 ކްލާސްރޫމާއި 2 ސެމިނަރ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ މި މަރުކަޒުގައި ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރާ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ޒިޔާރަތްކުރައްވައި އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.