ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލު ނުވާކަން ފާހަގަކުރެވިފައި ވާކަމަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
2014ން 2017އަށް އެ މަރުކަޒުގެ ކަންކަން ހިނގި ގޮތް ބެލުމަށް ކުރި އޮޑިޓާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އޭގެތެރޭގައި އެ މަރުކަޒުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ އަދަދަށްވުރެ ގިނައިން މީހުން ބައިތިއްބާފައި ތިބިކަމާއި، އެހީތެރިން ބަލަހައްޓަންޖެހޭ ބަލިމީހުންގެ އަދަދު އިތުރުވުންފަދަ މައްސަލަތައް ވަނީ ފާހަގަކޮށްފައެވެ. އެތަނުގައި ތިބި 177 ބަލި މީހުންގެ ތެރެއިން 11 މީހުންނަށް ނިދާނެ ވަކި އެނދެއް ހަމަޖެހިފައި ނުވާކަން ފާހަގަކުރެވުނު ކަމަށް އޮޑިޓަރޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. އަދި ބައެއް ގޮޅިތަކުގައި އެކަށީގެންވާ މިންވަރަށް ވައި ދައުރު ނުވާކަން ފާހަގަކޮށްފައިވެއެވެ.
މި އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ބަލި މީހުން އެޑްމިޓްކޮށް އަމަލުކުރާ ގޮތުގެ އުސޫލުގައި މިނިސްޓްރީން ސޮއިކޮށްފައި ނުވާކަމަށް ވަނީ ބުނެފައެވެ. އަދި ނުރައްކާތެރި ހާލަތެއްގައި ތަން އުސްކުރާނެ އުސޫލެއް ނެތްކަން ފާހަގަކޮށްފައިވެއެވެ. އެސްއޯޕީއާއި ގުޅުންހުރި ބައެއް މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ބަލި މީހުންގެ އަންނައުނު ބަދަލުކުރުން ފަދަ ކަންކަން ކޮށްފައިވާކަން ނުބެލި ވަނީ، ރިޕޯޓްތައް ބަލަހައްޓާފައި ނުވާތީ ކަަމަށް ވަނީ ބުނެފައެވެ.
ޖެންޑަރ މިނިސްޓްރީއާއި ސޯޝަލް ޕްރޮޓެކްޝަން، ޕެންޝަން އޮފީސް އަދި ހެލްތު މިނިސްޓްރީން ކުރަމުންދާ ކަންކަމަށް މި ރިޕޯޓްގައި ވަނީ ބަލައިލާފައެވެ. ރިޕޯޓްގައި މައިގަނޑު 3 ކަމަކަށް ބަލައިލާފައިވެއެވެ. އެއީ މުވައްޒަފުންނާއި، ވަސީލަތްތައް ފަހިކުރެވިފައިވާ މިންވަރާއި، މަރުކަޒު ހިންގުމުގެ ރައްކާތެރިކަމާއި، ބަލި މީހުންނަށް ފަރުވާ ދީފައިވާ ކަންކަމެވެ. 2014، 2015 އަދި 2016 ވަަނަ އަހަރުގެ ކަންކަމުގެ އިތުރުން 2017 ވަނަ އަަހަރުގެ ބައެއް ކަންކަމަށްވެސް ވަނީ މި ރިޕޯޓްގައި އަލިއަޅުވާލާފައިވެއެވެ.
ފާހަގަކުރެވުނު ކަންތައްތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ބަލިމީހުންނާ ގުޅުންހުރި ބައެއް ކަންކަން، ބަޖެޓް ނެތުމުގެ ސަބަބުން ނުކުރެވިފައިވާކަަމަށެވެ. އެގޮތުން ތަނަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުންނަށް ބޭނުންވާ ޔުނިފޯރމްފަދަ ކަންކަންވެސް، ބަޖެޓުގެ ދަތިކަމާހުރެ ނުކުރެވިފައިވާކަަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއެވެ. ޕެންޝަން އޮފީހުން ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި ބައެއް ފަރާތްތަކަށް ދޭންޖެހޭ އެލަވަންސް އެ ފަރާތްތަކުގެ އާއިލާއަށް ދީފައިވާކަންވެސް ރިޕޯޓުން ފާހަގަވެއެވެ. މީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާގެ ގޮތުގައި ލިބޭ ތަކެތި މަރުކަޒުގައި ހުރިކަން ނުވަތަ ނޫންކަން ޔަގީންކުރެވިފައެއް ނުވެއެވެ.