އއ. ރަސްދޫގައި އެޅުމަށް ނިންމާފައިވާ 50 ހައުސިންގ ޔުނިޓު މި އެޕްރީލް މަހުގެ ތެރޭގައި އެވޯޑްކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ކުރެއްވި ސުވާލުގެ ޖަވާބުގައެވެ. މެންބަރު ކުރެއްވި ސުވާލަކީ، އއ. ރަސްދޫގައި ކުރިއަށް ގެންދިއުމަށް ޓެންޑަރ ކުރެވިފައިވާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރެވޭނީ ކިހާ ހިސާބެއްގައިތޯ އަދި ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލުކުރެވި ކިހާ ދުވަހެއްގެ ތެރޭ ހައުސިންގ ޔުނިޓްތައް ނިންމާ ރައްޔިތުންނަށް އެތަންތަނަށް ވަދެވޭވަރުވާނެތޯއެވެ.
މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ބިޑް ހުޅުވާ އިވެލުއޭޓް ކުރެވި، ފަރާތަކާއި ހަވާލުކުރުމުގެ ކުރިން މިހާރު އޮތީ ނެގޯޝިއޭޓް ކުރުމުގެ މަރުހަލާގައި ކަމަށެވެ. އަދި ނެގޯޝިއޭޓް ކުރުމުގެ މަސައްކަތް ނިންމާ އެވޯޑްކުރުމުގެ މަސައްކަތް މި އެޕްރީލް މަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޓެންޑަރގެ މަރުހަލާފައި ނިންމާ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެވޯޑް ކުރުމުގެ މަސައްކަތް މިކުރަނީފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
މިނިސްޓަރު ވިދާޅުވީ ރަސްދޫގައި ބޯހިޔާވަހިކަމުގެ ވައުދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ވަރަށް އިސް ވައުދުފުޅެއް ކަމަށެވެ. ވައުދު ފުއްދުމަށްޓަކައި މަސައްކަތް ކުރަމުން ގެންދަވާ ކަމަށާއި، ޓެންޑަރ މަރުހަލާގައި ކޮންޓްރެކްޓްތަކުގައި ހުންނަ ތަފްސީލެއް ނުބައްލަވާ ކަމަށެވެ.
އަދި އެވޯޑް ކުރެވޭ އިރު، ކިތައް ދުވަހުން މަސައްކަތް ނިންމާނީތޯ ކޮންޓްރެކްޓުގައި އޮންނާނެ ކަމަށެވެ. އެހާ ހިސާބުން އެކަން ސާފުވެގެންދާނެ ކަމަށާއި، އާންމުކޮށް ހައުސިން މަޝްރޫއުތައް ގާތްގަނޑަކަށް 18 މަސް ނުވަތަ 2 އަހަރު ދުވަހަށް ދެމިގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.