ސްރީ ލަންކާ އަކީ މިހާރު ބަނގުރޫޓުވެފައިވާ ގައުމެއް ނޫންކަމަށް އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންގހަ ވިދާޅުވެއްޖެއެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަންކާއަށް 3 ބިލިއަން ޑޮލަރުގެ ބެއިލް އައުޓް ޕެކޭޖެއް ހަމަޖައްސައިދޭނެކަމަށް އެއްބަސްވުމާ ގުޅިގެން ދެއްވި ބަސްތީގަތުމެއްގައި ރައީސް ވަނީ ލަންކާ އަކީ އެގައުމުގެ ދަރަނިތައް އަނބުރާ ދެއްކޭނެ ގައުމެއް ކަމަށް އައިއެމްއެފް އިން ބަލައިގަނެފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިއާއެކު ލަންކާ އަކީ މިހާރު ބަނގުރޫޓޫވެފައިވާ ގައުމެއްގެ ގޮތުގައި ނުބެލެވޭނެކަމަށް ވިކްރަމަސިންގހަ ވަނީ ވިދާޅުވެފައެވެ.
މިއާއެކު ގައުމުގެ އިގުތިސާދީ ހާލަތު އާންމު ހާލަތައް އެޅިގެންދާނެ ކަމަށާއި ގައުމުގެ ފޮރިން އެކްސްޗޭންޖް ރަނގަޅުވަމުންދާވަރަކަށް އިމްޕޯޓަށް އެޅިފައިވާ ހުރަސްތައް ކުޑަކުރެވޭނެ ކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ. އެއާއެކު ގައުމަށް ބޭނުންވާ ޒަރޫރީ މުދާ އިމްޕޯޓުކުރެވެން ފެށޭނެކަމަށް ލަންކާގެ ރައީސް ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ އެތެރެކުރަން ފެށޭ މުދަލުގެ ތެރޭގައި ޒަރޫރީ މުދަލާއި ބޭހާ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ މުދާ ހިމެނޭނެ ކަަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.
ވިކްރަމަސިންގހަ ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އިސްވެރިން ހިމެނޭ ގޮތަށް، އައިއެމްއެފްގެ އެއްބަސްވުން ފައިނަލް ކުރުމަށް ލަންކާއަށް އެހީތެރިވެދިން ހުރިހާ ޤައުމުތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އައިއެމްއެފްގެ ފެސިލިޓީއާ ގުޅޭ ގޮތުން ބުދަ ދުވަހު މަޖިލީހުގައި ފުރިހަމަ ބަޔާނެއް ދެއްވާނެ ކަމަށާއި އެ އެއްބަސްވުން ވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިކްރަމަސިންގހަ ވިދާޅުވިއެވެ.