ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރ، ކާނަލް އަބްދުﷲ އިބްރާހިމް މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައާއި ގުޅިގެން އެ މައްސަލަ އެމްއެންޑީއެފްއިން އަންނަނީ ބަލަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކާނަލް އަބްދުﷲ އިބްރާހިމް ސަސްޕެންޑު ކުރުމަށްފަހު އެ ޔުނިޓް ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ކޮމާންޑަރު މޭޖާ އަޙްމަދު ހަލީމާއެވެ.
މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ސަލާމަތާއި ހިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އަންގާރަ ދުވަހު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މޮޓޯކޭޑު ހުއްޓުވި މައްސަލައިގައި ގަސްތުގައި އެ އަމަލު ހިންގާފައިވޭތޯ ބެލުމަށާއި މޮޓޯކޭޑު ދަތުރުކުރި ރޫޓުގެ ސަލާމަތީ ކަންކަން ރަނގަޅުކަން ކަށަވަރުކުރިތޯ ބެލުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވަނީ މި ބައްދަލުވުމުގައި ހުށަހަޅުއްވާފައެވެ. މޮޓޯކޭޑު ހުއްޓުވުމާއި، އެމްއެންޑީއެފުން އެ ސަރަހައްދަށް ވަން މައްސަލަ ބަލާ ދެ ފަރާތަށް ވެސް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޓީގައި ނިންމާފައިވަނީ މުއައްސަސާތަކުން އަމަލުކުރި ގޮތާއި، އެ ފުރުސަތު ފަހިވި ގޮތް ބެލުމަށެވެ. އަދި އިތުރު ނުކުތާއެއްގެ ގޮތުގައި މޮޓޯކޭޑު އަނބުރާލަން ޖެހުނު ސަބަބު ބެލުމަށް ވެސް ނިންމިއެވެ. އަދި މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން އަމަލުކުރި ގޮތުގެ ތަފްސީލު ހޯދަން ސިޓީއެއް ފޮނުވަން ވަނީ ހަމަޖެހިފައެވެ.
މި މައްސަލައިގައި 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި 3 ފިރިހެނުންނެވެ. އަދި އެމީހުންނަށް ކްރިމިނަލް ކޯޓުން ވަނީ ބަންދުގެ މުއްދަތު ދީފައެވެ.