މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތައުރީފު ކުރައްވައިފިއެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރެހެންދި އެވޯޑް ޙާޞިލުކުރި އެމްޓީސީސީ އަށް ވެސް ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވާ ކަމަށެވެ. ޙަޤީޤަތުގައިވެސް އަންހެނުން ބާރުވެރިކުރުމުގައި، އެމްޓީސީސީގެ ފަރާތުން ކުރަމުން އެ އަންނަނީ، ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފިރިހެނުންނަށް ނޫނީ އަދާނުކުރެވޭނެ ކަމަށް، ކުރިން ޤަބޫލުކުރަމުން އައި ކިތަންމެ ދާއިރާއަކަށް އެތައް އަންހެނުންނެއް ނެރެދީފައިވާ ކަމަށެވެ.
ބަސް ޑްރައިވަރުންގެ ގޮތުގައި އަންހެނަކު ފެނިދާނެ ކަމަށް، މީގެ ކުރިން ގިނަ ބަޔަކު ޤަބޫލެއް ނުކުރޭ. އަދި ލޯންޗް ކެޕްޓަނުންގެ ވަޒީފާގައި އަންހެނުންނަށް އުޅެވޭނެ ކަމަކަށް ވެސް ގިނަ ބަޔަކު ކުރިއަކުންނެއް ޤަބޫލެއް ނުކުރޭ. ނަމަވެސް، ޙަޤީޤަތަކީ އެއީ ނޫންކަން އެމްޓީސީސީ އިން ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުކޮށްދީފި. ހުނަރާއި މަސައްކަތުގެ ދާއިރާއިން މިންތީ ތަފާތުތައް ނައްތައިލުމުގައި، އެ ކުންފުނިން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
އަންހެނުން ބާރުވެރިކުރުމަށް އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތަށް ތައުރީފް ކުރައްވާ ރައީސް ވަނީ އެކަމަށްޓަކައި އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށާއި، ހީވާގި ހިންގުންތެރިންނަށް، އަދި ހުރިހާ މުވައްޒަފުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.
އެމްޓީސީސީއަށް އިންސްޓިޓިއުޝަނަލް ކެޓަގަރީން ވަނީ ރެހެންދި އެވޯޑް ލިބިފައެވެ. މިކަމާއި ގުޅިގެން އެމްޓީސީސީން ބުނީ 2023 ވަނަ އަހަރަށް އިންސްޓިޓިއުޝަނަލް ކެޓަގަރީގައި ޖެންޑަރ މެއިންސްޓްރީމިންގ އަދި ވިމެން އެމްޕަވަރމަންޓް ޕްރޮމޯޓްކުރުމުގެ ޝަރަފުވެރި 'ރެހެންދީ އެވޯޑް' ލިބުމަކީ ވަރަށް ބޮޑު ޝަރަފާއި ޒިންމާއަކާއެއްކަމުގައި ދެކޭ ކަމަށެވެ.
އެމްޓީސީސީން ބުނީ ޖެންޑަރ މެއިންސްޓްރީމިންގ އާއި އަންހެނުން ބާރުވެރިކުރުމުގެ ގޮތުން، އަދިވެސް ދަތުރުކުރަންޖެހޭ އެތައް މޭލެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް މި އެވޯޑަކީ ކުންފުނީގެ ޖެންޑަރ އިކުއަލިޓީއާއި އަންހެނުން ބާރުވެރިކުރުމާ ދިމާލަށް ކުރާ ދަތުރުގެ ކާމިޔާބީ ލިބެމުންދާ ކަމުގެ އެވޯޑެއްކަމަށެވެ. އަދި މިއީ މިންތީގެ ހަމަހަމަކަމުގެ ގޮތުން ޤައުމު އިންސާފުވެރި އަދި އެއްބައިވަންތަ ޤައުމަކަށް ހެދުމަށް ހުރިހާ ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅާ ކަމެއް ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އިންތިޒާމްކޮށްގެން ބޭއްވި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ހަފްލާއާއި ރެހެންދި އެވޯޑް ދިނުމަށް ބެއްވި ރަސްމީ ހަރަކާތުގައި އެވޯޑް ސީއީއޯ އާދަމް އާޒިމްއާއި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއެވެ.