މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޗެކް ރިޕަބްލިކްގެ ޕްރާގުގެ ކައިސަރޝްޓެޖްންސްކީ ޕަލާކްގައި ބޭއްވި އެކްސެސް ލަގްޒަރީ ޓްރެވަލް ޝޯ 2023 ގައި ބައިވެރިވެ، ރާއްޖޭގެ އަޖައިބު ކުރުވަނިވި ރީތިކަން ޕްރޮމޯޓުކޮށްފިއެވެ.
މި އިވެންޓުގައި އެކްސިޓިކްސް މާކެޓިންގއިން ވިޒިޓް މޯލްޑިވްސް ތަމްސީލުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް (ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް، ލިވަބޯޑު) އަދި ރޮމާންސް، ހަނީމޫން، އާއިލީ އަދި ޑައިވިންގ ފަދަ ސެގްމެންޓުތައް ޕްރޮމޯޓުކޮށްފައިވެއެވެ.
އޭއެލްޓީއެސް ޕްރާގަކީ ކޯޕަރޭޓް ޓްރެވަލް، ސެކްޓަރގެ އިސް ފަރަތްތަކާއި ހޮސްޕިޓަލިޓީ، އަދި ޓްރެވަލް އިންޑަސްޓްރީގެ ދާއިރާއިން އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ހަރަކާތެކެވެ. މީގެ އިތުރުން ޓުއަރ އޮޕަރޭޓަރުންނާއި ވީއައިޕީ ކްލައިންޓުންނަށް ޚިދުމަތް ދޭ ޓްރެވަލް އޭޖެންޓުން އަދި މިއީ އިރުމަތީ ޔޫރަޕްގެ އެހެނިހެން އިންޑަސްޓްރީ ޕްރޮފެޝަނަލުން ވެސް ބައިވެރިވާ ދެ ދުވަހުގެ ބީ2ބީ ވޯކްޝޮޕެކެވެ.
އެމްއެމްޕީއާރުސީއިން އޭއެލްޓީއެސް ޕްރާގުގައި ބައިވެރިވަމުން މިދަނީ އިރުމަތީ ޔޫރަޕްގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައި ރާއްޖެ އަންނަ މީހުންގެ މޮމެންޓަމް ދެމެހެއްޓުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖީގެ ދަށުންނެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ މަޤްޞަދަކީ ސެންޓްރަލް ޔޫރަޕްގެ ޓްރެވަލް ޓްރޭޑް މެދުވެރިކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖެއާ މެދު އޮންނަ މަޤުބޫލުކަން އިތުރުކޮށް، ރާއްޖޭގެ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކޮށް، ޗެކް ރިޕަބްލިކް އާއި އެ ޤައުމުގެ އަވައްޓެރި ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.
އިރުމަތީ ޔޫރަޕަކީ ރާއްޖެ އަށް މުހިއްމު މާކެޓަކަށް ވާއިރު، 2022 ނިމުނު އިރު އެ ސަރަހައްދުން ޖުމްލަ 100,667 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އަދި މި އަހަރު މިހާތަނަށް ބަލާލާއިރު މި ރީޖަންގެ އެއް ގައުމު ރާއްޖޭގެ ޓޮޕް 10 ސޯސް މާކެޓު ތެރޭގައި ހިމެނެއެވެ. މި ރީޖަންގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމަށްޓަކައި އެމްއެމްޕީއާރުސީއިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން މި އަހަރު އިރުމަތީ ޔޫރަޕްގެ މާކެޓަށް ހާއްސަކޮށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި އިރުމަތީ ޔޫރަޕުގެ ގައުމުތަކުގައި ރޯޑްޝޯ ސިލްސިލާއެއް ބޭއްވުމުގެ އިތުރުން، ވެބިނާއަކާއި، ޖޮއިންޓް މާކެޓިންގ ކެންޕޭންތައް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.