ގދ. ވާދޫ 8-4އިން ބަލިކޮށް ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކުރެވުމަކީ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް ލ. ގަމު ޓީމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ބުނެފި އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ މި ފަހަރު ތަށި ލިބުނީ ހުރިހާ ގޮތަކުން ވެސް ޓީމު ވަރުގަދަ ވުމުން ކަމަށެވެ.
އަސްލު މިދިޔަ އަހަރަށްވުރެ މި ޓީމު ވަރުގަދަ. ސީނިއާ ކުޅުންތެރިންނަށް ވެސް ރެސްޓްކޮށްލެވޭ. އެހެން ޓީމެއްގައި ސީނިއާ ކުޅުންތެރިއަކަށް ރެސްޓްވެސް ކޮށްނުލެވިދަނީ. އެކަމަކު މި ޓީމުގައި އެގޮތަށް ބަަލުކޮށްލާ ހަދާލަން ޖެހިލުމެއްނެތް. ޓީމު ހުރިހާ ގޮތަކުން ވެސް ވަރަށް ވަރުގަދައޮންލީ
ގަމު ޓީމުގެ ކޯޗު ބުނީ ވާދޫ އަކީ މުބާރާތުގައި އެންމެ ރަނގަޅަށް ކުޅުނު އެއް ޓީމު ކަމަށްވުމުން ފައިނަލް މެޗުގައި މިހާ ބޮޑު ފަރަގެއް އަތުވެދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ފައިނަލް މެޗަށް ނުކުތީ ތައްޓާމެދު ވަރަށް ބޮޑު ޔަގީންކަމެއްގައި ކަމަށާއި ގިނަ ލަނޑުތަކެއް ޖެހުން ފިޔަވައި އެހެން ހުރިހާ ކަމެއް ވެސް ޕްލޭނާ އެއްގޮތަށް ދިޔަ ކަމަށެވެ.
މީގެ އިތުރުން ވާދޫ ޓީމުގެ ކޯޗު ބުނީ ބަލިވިޔަސް ވާދޫ ޓީމު ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ވާދޫގައި އޮތީ ވަރަށް ޒުވާން ޓީމެއް ކަމަށާއި ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތަށް އަންނަ އަހަރު ކުރިމަތިލާނީ ތަށި ހޯދަން މާބޮޑަށް ވެސް ވަރުގަދަކޮށް ކަމަށެވެ.
މި މުބާރާތުގެ މޮޅު ކުޅުންތެރިޔާ ނުވަތަ ކިންގް އޮފް ފުޓްސަލްގެ މަގާމު ލިބުނީ ގަމުގެ ކެޕްޓަން އޮންލީ އަށެވެ. ގަދަ ފަހެއްގައި ދެން ހިމެނެނީ މުބާރާތުގެ ރަންބޫޓު ހޯދި ވާދޫގެ މުހައްމަދު އިޔާދު އަލީ އާއި އަޔާޒް އަހުމަދު (އަޔާ) އަދި ވެލެންސިއާ އަށް ކުޅޭ ގަމު ޓީމުގެ އަލީ ޝާމިސް (ތޮއްޕޭ) އާއި ކުޑަހުވަދޫގެ ޖުމައިލް ޖަލީލް (ޖުމްބެ) އެވެ. މިއީ އޭނާ ގަދަ ފަހެއްގައި ހިމެނުނު ދެ ވަނަ އަހަރެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ދ. ކުޑަހުވަދޫ އެވެ. ބެސްޓް ސަޕޯޓިން ޓީމަކަށް ހޮވިފައިވަނީ ހދ. ނައިވާދޫ އެވެ. އެންމެ މޮޅު ކޯޗަކީ ކުޑަހުވަދޫގެ އަހުމަދު ރިލުވާން (ރިލޭ) އެވެ. އޭނާ އަކީ ފުރަތަމަ ޑިވިޝަނުގެ ވެލެންސިއާގެ ކުޅުންތެރިއެކެވެ.