ކ. މާލެ
|
20 މާރޗް 2023 | ހޯމަ 07:48
ބާޒާރުގެ ފިހާރައެއްގެ ބޭރުގައި މަސައްކަތު މީހަކު ފިޔާ ސާފުކުރަނީ
ބާޒާރުގެ ފިހާރައެއްގެ ބޭރުގައި މަސައްކަތު މީހަކު ފިޔާ ސާފުކުރަނީ
މުހައްމަދު އަނިލް
ތަކެތީގެ އަގު އުފުލުން
މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލްކުރުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި
ރަމަޟާން މަހަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އެކި ބާވަތްތަކުގެ އަގުތައް ކުރިއަށްވުރެ ބޮޑުވަމުންދޭ
ސަރުކާރުން ބޮޑުކުރި ޖީއެސްޓީ، އަލުން މުރާޖާ ކުރުމަށް ގޮވާލާފައިވޭ

ސަރުކާރުން ޖީއެސްޓީ ބޮޑުކުރުމާއެކު، މުދަލާއި ހިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކައި ގޮންޖެހުންތައް ކުޑަކޮށް، ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. މި ގަރާރުގައި ބުނެފައިވަނީ ރާއްޖެގައި މުދަލުން ނަގާ ޖީއެސްޓީ ބޮޑުކުރުމާއެކު ދިވެހިން ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލާއި ހިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން 7 އިންސައްތަ ބޮޑުވެފައިވާ ކަމަށެެވެ.

އަދި ވޭތުވެދިޔަ އަހަރުގެތެރޭގައި 7.82 އިންސައްތަ އިތުރުވެ، ނިސްބަތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި 75 އިންސައްތައަށްވުރެ އިންފްލޭޝަން އުފުލިފައިވާ ކަމާއި، އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 އިންސައްތަ ބޮޑުވެފައިވާކަން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ހާމަވެ، ރައްޔިތުން ކަންބޮޑުވާ މިންވަރަށް ރާއްޖެގެ އިންފްލޭޝަން އުފުލެމުންދިއުމާއި، ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތަކާއި ހިދުމަތުގެ އަގުތައް އުފުލެމުންދާކަމަށެވެ.

އަދި ހާއްސަކޮށް ރަމަޟާން މަހަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އެކި ބާވަތްތަކުގެ އަގުތައް ކުރިއަށްވުރެ ބޮޑުވަމުންދާއިރު، ލިބެ އާންދަނީން ދެކޮޅުނުޖެހޭ ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ އިތުރުކުރެވޭނެ މަގުތަކެއް ފެންނަން ނެތުމާއި، ޖޫރިމަނާއާއި އެހެނިހެން ނަންނަމުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން ބޮޑުކުރި ޖީއެސްޓީ، އަލުން މުރާޖާ ކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިދުމަތުގެ އަގު ހެޔޮކޮށް، ރައްޔިތުންގެ އަތްފޯރާ ހިސާބުގައި ހުރި މުދަލުގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ސަރުކާރުން ރާވައި، ހާއްސަކޮށް ރަމަޟާން މަހު ބާޒާރުގެ އަގުތައް ރައްޔިތުންގެ އަތްފޯރާ ފަށުގައި ހިފެހެއްޓޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

- ކޮމެންޓް