ކ. މާލެ
|
19 މާރޗް 2023 | އާދީއްތަ 18:46
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
އެމްޕީއެލް
ރޯދަމަހު އެމްޕީއެލްގެ މަސައްކަތްތައް
ރޯދަމަހަށް އެމްޕީއެލް ތައްޔާރު: 1 ދުވަހުން ޕެރިޝަބަލް މުދާ ކްލިއަރ ކުރެވޭނެ
ކޮންޓެއިނަރ އުފުލާ އައު 4 ރީސްޓެކަރ ވަނީ ޚިދުމަތަށް ނެރެފައި
ޕެރިޝަބަލް މުދަލަށް ޚާއްސަ ވެއަރހައުސްގެ ޖާގަ ވަނީ ބޮޑުކޮށްފައި
އެމްޕީއެލްގެ މުވައްޒަފުން 2 ޝިފްޓަކަށް މަސައްކަތްކުރާނެ

ކުރިއަށް އޮތް ރަމަޟާން މަހަށް އެމްޕީއެލްއިން ގިނަ ތައްޔާރީތަކެއް ވެފައިވާކަމަށާއި، އަމާޒަކީ ޕެރިޝަބަލް މުދާވެސް އެ މުދާ އަންނަ ދުވަހު ކްލިއަރ ކުރުން ކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރަމަޟާންމަހު އެމްޕީއެލްގެ މަސައްކަތްތައް ކުރިއަށްދާނެގޮތް ހިއްސާކުރުމަށް އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިދިޔަ އަހަރުގެ ރަމަޟާންމަހު އޮޕަރޭޝަންތައް ކުރިއަށްދިޔަގޮތުން ޕެރިޝަބަލް މުދާ އެ މުދާ އަންނަ ދުވަހު ކްލިއަރ ނުކުރެވި ދިޔަ ކަމަށެވެ. އަދި އާންމު މުދާ ކްލިއަރް ކުރުމުގައިވެސް ދަތިތަކެއް ދިމާވިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ މި މަސައްކަތްތައް އަވަސްކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތާއެކު މިއަހަރުގެ އަމާޒަކީ ޕެރިޝަބަލް މުދަލާއި އާންމު މުދާވެސް އެއްކޮށް ބާލައި ކްލިއަރ ކުރުން ކަމަށެވެ. ވަކިން ޚާއްސަކޮށް ޕެރިޝަބަލް މުދާ އެ ދުވަހުން ދުވަހަށް ކްލިއަރ ކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ގިނަ އަދަދެއްގެ މުދާ އެތެރެކުރަންޖެހޭނެކަމަށް ބެލެވޭ ކަމަށާއި، މިކަމަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ޝާހިދު ވަނީ ތަފްސީލުކޮށްދެއްވާފައެވެ.

މިގޮތުން ކޮންޓެއިނަރ އުފުލާ އައު 4 ރީސްޓެކަރ ޚިދުމަތަށް ނެރެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. ކުރިން ބޭނުންކުރަމުން ދިޔަ އިކުއިޕްމެންޓުތައް ކޮންމެވެސް ވަރަކަށް ހަލާކުވުމާ ގުޅިގެން މަސައްކަތްތަކަށް ލަސްތަކެއް އަންނަކަމަށާއި، އައު އިކުއިޕްމެންޓުތަކާއެކު ފަސޭހަކަމާއެކު އަވަހަށް މި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ފަހިވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މައްސަލަ ޖެހިފައި ހުރި އިކުއިޕްމެންޓުުތައް މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި ޕެރިޝަބަލް މުދަލަށް ޚާއްސަ ވެއަރހައުސްގެ ޖާގަ ބޮޑުކުރެވިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. ޖެނެރަލް ކާގޯ ބެހެއްޓުމަށް މާލެއާ ހުޅުމާލޭގައި އިތުރު 2 ވަގުތީ ޝެޑު އަޅާފައިވާކަމަށާއި، މިއާއެކު ބޯޓު އައިސް ކައިރިކުރާވަގުތު މުދާ ބޭލުމަށް މަގުފަހިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކުރީގައި ޝެޑުގެ ޖާގަ ހުންނަ ގޮތުން ބައެއް ފަހަރު ޕެރިޝަބަލް މުދާ ބާލާފައި ޖެނެރަލް މުދާ ނުބާލައި ބޯޓު ބޭރުކޮށްލަން އެބަޖެހޭ. މިހާރު އެ ޕްރޮސެސް ވެސް ވަރަށް ބޮޑުތަން އަވަސްވެގެންދާނެ.
ޝާހިދު އަލީ

މީގެ އިތުރުން މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދުވެސް އިތުރުކޮށްފައިވާކަމަށާއި، ޚާއްސަކޮށް ބޯޓުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. މަސައްކަތް ކުރިއަށްދާނީ ދެ ޝިފްޓަކަށް ކަމަށާއި، މި ދެ ޝިފްޓުގައިވެސް ކާގޯ އޮޕަރޭޝަންއަށާއި، ކްލިއަރިން އޮޕަރޭޝަންއަށް ޚާއްސަ ޓީމުތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯދަމަހުގެ ގަޑިތައް މި އޮންނަނީ ހެނދުނު 9:15 އިން ކްލިއަރެންސް އޮޕަރޭޝަން ފެށޭނެ. 13:30 އާ ހަމައަށް ދާނެ އެސައިން ކުރުން. އޭގެ ފަހުންވެސް 4:00 އާ ހަމައަށް މަސައްކަތް ކުރެވޭނެ. އަނެއްކާ ރޭގަނޑު 9:15 އިން އަޅުގަނޑުމެން ފަށާނަން. ފަށާ ގޮތަށް 1:30 އާ ހަމައަށް ގެންދެވޭނެ. 1:30 ގެ ފަހުންވެސް މުދާ ހުރިކަމަށް ވަންޏާ އަޅުގަނޑުމެންގެ ސްޓާފުން ފަތިސްވަންދެންވެސް މަސައްކަތް ކުރިއަށްގެންދާނެ.
ޝާހިދު އަލީ

ޝާހިދު އިތުރަށް ވިދާޅުވީ ވީހާވެސް އަވަހަށްމުދާ ކްލިއަރ ކުރުމުގެ މަސައްކަތް ކުރުމަށް އެކުންފުނިން އަބަދުވެސް މަސައްކަތްކުރައްވާކަމަށެވެ. އެކުންފުނީގެ ފްލީޓަށް އިތުރުކުރެވުނު އައު އިކުއިޕްމެންޓުތަކާއެކު މަސައްކަތް އަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް