ރޯދަ މަހު ފަސޭހަކަމާއެކު ކާގޯ އުފުލާ ބޯޓުފަހަރަށް ޖާގަ ލިބޭނެ ކަމަށާއި، ވިޔަފާރިވެރިންނަށް އަވަހަށް މުދާ ކްލިއަރ ކުރެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޖީހު ވިދާޅުވީ ކުންފުނީގެ އޮޕަރޭޝަންތައް ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ވަޖީހު ވިދާޅުވީ އާއްމުގޮތެއްގައި މާލޭގެ ކޮމާޝަލް ޕޯޓުގައި އޮޕަރޭޓް ކުރެވެނީ 2500 ކޮންޓެއިނަރ ކަމަށެވެ. ނަމަވެސް މިހާރު ބައެއް ބަދަލުތައް ގެނެސް، މިހާރު އިތުރު ފަސް ކޮންޓެއިނަރ ގެންގުޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު 3000 ކޮންޓައިނަރ ފަސޭހަކަމާއެކު ގެންގުޅެވޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޖީހު ވިދާޅުވީ ޕޯޓުތަކަށް އެންމެ ބާރުބޮޑު މަހަކީ ރޯދަ މަސް ކަމަށެވެ. ނަމަވެސް މިހާރު ބާރުބޮޑުވާ ވަގުތުތަކުގައި އެތެރޭގެ ހުރިހާ ޓަގުތަކާއި ބާޖުތަކާއި ލޯންޗު ފަހަރު ބޭރުކުރުމަށްފަހު، ބޭރުން އަންނަ ކާގޯ އުފުލާ ބޯޓު ފަހަރަށް ޖާގަ ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ރޯދަ މަހު ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މުދާ ކްލިއަރ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޯޓުތައް ބަނދަރުކުރަނީ ހުޅަނގުފަރާތުން ފެންނަ ކީވޯލް އޭރިއާގައި. އެތަނަކީ ކުންފުނީގެ ގެންގުޅޭ ހުރިހާ ވެސަލްސްތަކެއް އަޅާފައި ހުންނަ ތަން. ބާޖުތަކާއި ޓަގްތަކާއި ލޯންޗު ފަހަރުތައް އެތާގައި އޮންނާނީ. އެހެންވުމުގެ ސަބަބުން އިންޑިއާއިން އަންނަ ބޯޓު ފަހަރަށް އަޅުގަނޑުމެންނަށް ޚިދުމަތް ދޭން އުނދަގޫވޭ. ޚާއްސަކޮށް ރަމަޟާން މަހަކީ ވަރަށް ގިނަ ބޯޓުފަހަރު އެއްފަހަރާއި އަންނަ މަހަކަށްވާތީ ވަރަށް އުނދަގޫވޭ އެކަންކަން ހޭންޑަލް ކުރަން. އެގޮތުން މިހާރު އަޅުގަނޑުމެން ވަނީ މިއޭރިޔާއިން ބޭރުގައި ފެންނަން ހުންނާނެ ދެ ބޮއި އަޅާފައި. ދެ ބޮއިގައި މިދެންނެވި ވެސަލްތައް އަޅާފައި ބައިތިއްބާ ގޮތަށް. އެތެރޭގައި ބާރުބޮޑުވެގެންދާ ވަގުތުގައި އެތެރެއިން ހުރިހާ ޓާގުތަކާއި ބާޖުތަކާއި ލޯންޗު ފަހަރު ބޭރުކޮށްފައި ބޮއިއަށް ލާފައި އިންޑިއާއިން މިއަންނަ ކާގޯ އުފުލާ ބޯޓުފަހަރަށް ޖާގަ ދޭނަން. މިހާރު ވެސް އެއްފަހަރާ ތިން ބޯޓަށް ޚިދުމަތް ދެވޭނެ. އެމައްސަލަ ހައްލުވީ. މިއީ އޮޕަރޭޝަނަށް ލިބޭނެ ކުރިއެރުމެއް. މުދާ ގަޑިން ގަޑިއަށް ފޯރުކޮށްދޭން ވަރަށް ބޮޑު ފަސޭހަތަކެއް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މިހާރު ވެސް ޕޯޓްގައި ތިން ބޯޓު އެބައޮތް.އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް
އެމްޕީއެލްއިން ބުނީ އޮޕަރޭޝަންތައް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.