ކ. މާލެ
|
16 މާރޗް 2023 | ބުރާސްފަތި 15:57
ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓް - ފިހާރަ ހުޅުވާނީ މި ސަރަހައްދުގައި
ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓް - ފިހާރަ ހުޅުވާނީ މި ސަރަހައްދުގައި
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އެސްޓީއޯގެ ފިހާރަ
ރޯދަމަހަށް ޚާއްސަކޮށް ހުޅުމާލެ ފޭސް ދޭއްގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަނީ
މި ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު

ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތަކުގެ ތިރީގައި ރޯދަ މަހަށް ޚާއްސަކޮށްގެން އެސްޓީއޯގެ ފިހާރައެއް ހުޅުވުމަށް ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ މި ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު ކަމަށެވެ. ބުރާސްފަތި ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވެސް ވަނީ މިފިހާރައިގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

މިއުވާން ވިދާޅުވީ މި ފިހާރައިން ހޯލްސޭލް އަދި ރީޓެއިލް ހިދުމަތްތައް ލިބޭނެ ކަމަށެވެ. އަދި ރޯދަ މަހަށް ޚާއްޞަކޮށްގެން އެތެރެކުރާ ފިޔާ، އަލުވި، ބިސްވެސް އެތަނުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އާންމު ފަރުދުން ރޯދަ ވީއްލުމަށް ތައްޔާރުކުރާ އުފެއްދުންތައްވެސް ފިހާރައިން ވިއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަން މިއުވާން ފާހަގަކުރެއްވިއެވެ.

މިއުވާން އިތުރަށް ވިދާޅުވީ، ލޯކަލް ވެންޑަރސްގެ އަތުން ނަގާ މުދާ ހުސްވިޔަނުދީ ހުންނާނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފައިވާކަމަށާއި، ރޯދަ މަހަށް ފިޔާ، އަލުވި، އަދި ބިހުގެ 6 ޝިޕްމަންޓެއް ގެންނާނެ ކަމަށެވެ. އޭގެތެރެއިން ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ 27ގައި ރާއްޖެ ގެނެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ 11 ފިހާރައަކުން ފިޔާ، އަލުވި، އަދި ބިސް ފޮނުވޭނެ ކަމަށާއި، ސަރަހައްދީ އެހެން ރަށްތަކަށް އެތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދޭނެކަން މިއުވާން ފާހަގަކުރެއްވިއެވެ.

ރޯދަމަހާ ދިމާކޮށް، ޒަރޫރީ ބޭނުމަށް ބޭނުންކުރާ ވަކި މުދަލެއްގެ އަގު ބާޒާރުގައި ބޮޑުކުރާނަމަ އެސްޓީއޯއިން އެކަން ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބާޒާރުގައި ކާބޯތަކެތީ އަގު މައްޗަށް ދިއުން ކުޑަކުރުމަށް އެސްޓީއޯއިން ފިޔަވަޅު އަޅާނެކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ، ރާއްޖޭގެ 12 ރަށެއްގައި ގާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރު މެދުވެރިކޮށް، ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ބެލުމުގެ ހަރަކާތެއް ކުރިއަށްދާނެކަމަށެވެ. އަދި މި ހަރަކާތުގައި، ރޯދަ މަހު ބޭނުންކުރާ 80 ބާވަތެއްގެ އަގު ބެލޭނެ ކަމަށެވެ. މީގެއިތުރުން ތަކެތީގެ އަގު ބޮޑުވިޔަނުދިނުމަށް އެސްޓީއޯއިން ދެމެހެއްޓެނިވި ސަޕްލައި ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

- ކޮމެންޓް