ވެމްކޯއިން މާލެ ސަރަހައްދުގައި ދޭ ކުނި އުކާލުމުގެ ޚިދުމަތުގެ ބިލް، ސްޓެލްކޯ ކަރަންޓު ބިލުގެ ތެރޭގައި ހިމަނަން ނިންމާފައިވާއިރު، މިގޮތަށް އަމަލުކުރަން ފެށުމުން ވެމްކޯއަށް މަހެއްގެ މައްޗަށް 7.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު މިފަދައިން ވިދާޅުވީ ވެމްކޯއާއި ސްޓެލްކޯ ގުޅިގެން ގެންނަ ބަދަލުތަކުގެ އިތުރު ތަފްސީލު ދިނުމަށް ހޯމަ ދުވަު ވެމްކޯގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ސިރާޖު ވިދާޅުވީ ވެމްކޯއަށް ލިބެންޖެހޭ އާމްދަނީގެ ބޮޑު ބައެއް މިހާރު އުނިވެފައިވާކަމަށެވެ. އެހެންނަމަވެސް މި ގެނައި ބަދަލާއެކު ބިލަށް ފައިސާ ހޯދުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭޕްރިލް މަހުން ފެށިގެން ސްޓެލްކޯ ބިލުގެ ތެރޭގައި ކުނި ބިލު ހިމެނިގެންދާއިރު، ސްޓެލްކޯގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ގޭބީސީއަކަށްވެސް ކުނި ބިލް ފޮނުވިގެންދާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ. އެއީ 50،000 އަށްވުރެ ގިނަ ގޭބީސީއެވެ. މިހާރު ވެމްކޯގައި ރަޖިސްޓްރީކޮށްފައިވަނީ 24،000 ގޭބީސީއެކެވެ. ސިރާޖު ވިދާޅުވީ މިކަމާ ގުޅޭގޮތުން ކަސްޓަމަރުންގެ ޝަކުވާއެއް ވާނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ސިރާޖު އިތުރަށް ވިދާޅުވީ މި ބަދަލާއެކު މާލެ ސަރަހައްދުގެ ހުރިހާ ގޭބީސީއަކުން ކުނި ނަގަން ފެށުމަށް އިތުރު މުވައްޒަފުންނާއި އިތުރު މެޝިނަރީ ބޭނުންވާނެ ކަމަށެވެ.
މާލޭގައި އުފެދޭ ހުރިހާ ކުންޏެއް ވެމްކޯއިން ނަގަމުންދިޔައީ. މި ބަދަލާ ގުޅިގެން ގާތްގަނޑަކަށް 50،000 ގޭބީސީއަށް ޚިދުމަތްދޭން އަޅުގަނޑުމެންގެ މޭންޕަވަރ އިތުރުކުރަންޖެހޭ. އެކަމަށް ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ވެހިކަލް ފްލީޓަށް އިތުރު ވެހިކަލް އެބަ ބޭނުންވޭ. އެމަސައްކަތްވެސް އަޅުގަނޑުމެން މިހާރު ކުރަމުން މިދަނީ.ޔޫސުފް ސިރާޖު
އޭޕްރިލް 1 އިން ފެށިގެން މުޅި މާލޭގެ ހުރިހާ ގޭބީސީއަކުން ކުނި ނަގަންފަށާއިރު، ކުނި ނަގާނީ ގޭބީސީތަކުގެ ތިރިން ކަމަށް ސިރާޖު ވިދާޅުވިއެވެ. ގޭގޭގެ ދޮރުމަތިން ކުނި ނެގުމަށް ޕްރިމިއަމް ރޭޓުތަކެއް ތައާރަފުކުރުމަށް ޕްލޭންކޮށްފައިވާކަމަށާއި، އެހެންނަމަވެސް މިހާރު ޚިދުމަތް ދެމުންދާ އަގު ކަމުގައިވާ 150 ރުފިޔާއަށް ކުނި ނަގަމުންދާނީ ގޭގޭގެ ތިރިން ކަމަށް ސިރާޖު ވިދާޅުވިއެވެ.
ވެމްކޯއިން ވަނީ އެކުންފުނިން ގެންގުޅޭ ފީ ސްޓްރަކްޗަރަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ކޭޝް ފްލޯ މެނޭޖުކުރެވޭގޮތަށް ބަލައި ކުރިން ސަރުކާރު ކުންފުނިތަކުން ކުނި އުކައިދިނުމަށް ނަގާ އަގުތަކާއި ޕްރައިވެޓް ކަލެކްޓާސްގެ އަތުން ނަގާ އަގަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.