ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 17:30
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު
އޭޕްރިލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އީސީން ދަރުބާރުގެ ބޭނުންކުރަން ފަށާނެ: އީސީގެ ނައިބުރައީސް
ދަރުބާރުގޭގައި ނެޓްވޯކް އެޅުން ފަދަ ކަންތައްތައް ދަނީ ކުރިއަށް

އޭޕްރިލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގޭ ބޭނުންކުރަން ފަށާނެ ކަމަށް އެ ކޮމިޝަނުންގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބާއި ގުޅިގެން ކުރަމުން ގެންދާ މަސައްކަތުގެ މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާކުރައްވަމުން ހަބީބް ވިދާޅުވީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އީސީން ދަރުބާރުގެ ބޭނުންކުރަން ފަށާއިރު އެތަނުގައި ނެޓްވޯކް އެޅުން ފަދަ ކަންތައްތައް ކުރިއަށްދާ ކަމަށެވެ.

ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތް އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ހޯދަން އިލެކްޝަންސް ކޮމިޝަނުން ކުރިން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހެދި އެތަން ހަމަޖެހިގެން ނުދިޔައީ ކަމަށް ހަބީބް ވިދާޅުވިއެވެ.

މެއި މަހުގެ ދެވަނަ ދުވަހު ރިޔާސީ އިންތިޚާބުގައި ވޯޓްލާ މީހުންގެ ރަޖިސްޓްރީ އާންމު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގެ ވޯޓް ފޮށިތައް ބަހައްޓާނެ ސްކޫލުތައް އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު ހޯދާފައިވާ ކަމަށާއި ސްކޫލުތައް ސަރވޭ ކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި ގުޅޭ ބައެއް ބިލްތައް އެޓާނީޖެނެރަލްގެ އޮފީހުން މަޖިލީހަށް ފޮނުވާފައިވާކަން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ އޭގެ ތެރޭގައި ޤާނޫނަށް ގެންނަން ޖެހޭ ބައެއް އިސްލާހުތައް ހިމެނޭ ކަމަށެވެ. އެގޮތުން އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު 10 ދުވަހުން 14 ދުވަހަށް ބަދަލުކުރުމާއި އިންތިޚާބާއި ބެހޭ އާންމު ޤާނޫނަށް ވެސް ގެންނަން ޖެހޭ މުހިންމު އިސްލާހުތަކެއް އެބަހުރި ކަމަށެވެ.

ހަބީބް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅިގެން ކަމާބެހޭ މުއްސަސާތަކާ ގާތްގަނޑަކަށް އެއްކޮށް ބައްދަލުކޮށް ނިމިފައިވާކަމަށާއި ސިޔާސީ ޕާޓީތަކާއެކު ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އޮތީ ނިންމައިފަ އެވެ. އިންތިހާބަށް ކޯލިޝަން ހެދުމުގެ މަޝްވަރާތައް ޕާޓީތަކުގެ މެދުގައި މިހާރު ދަނީ ކުރިއަށެވެ.

އޭގެ ކުރީގެ އިންތިހާބުތަކުގައި މައި މަރުކަޒެއްގެ ގޮތުގައި ބާ ޖަމާލުއްދީން ބޭނުން ކުރިއެވެ. އެކަމަކު އަރަބިއްޔާ ސްކޫލް އިމާރާތްކުރަން ސަރުކާރުން މިހާރު އެތަން ވަނީ ނަގާފައެވެ.

- ކޮމެންޓް