އަމިއްލަ ޚިޔާލުގެ ތަނަވަސްކަމާއި، އަތުން ކުލަޖައްސާފައިވާ ވޫލް ރޮދި ބޭނުންކޮށްގެން ސަގާފީ ކުނާ ވިޔުމުގެ މަސައްކަތުގައި ލުތުފިއްޔާ މުހައްމަދު އުޅޭތާ މިހާރު ބައި ގަރުނަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.
މިސުރުގެ ޖީޒާގެ ހައްރާނިޔާ އަވަށުގައި ހިންގާ ވިސާ ވާސިފް ސެންޓަރުގައި، ސަގާފީ ކުނާ ވިޔުމަށް ބޭނުންކުރަނީވެސް އެންމެ އިހުގައި އެކަން ކޮށް އުޅުނު ކަހަލަ އާލާތްތަކެވެ. ގުދުރަތީ އެކި މަންޒަރުތައް ދައްކުވައިދޭ ފަރުމާތަކަށް ވިޔެފައި ހުންނަ މި ކުނާތަކަކީ އެންމެ ޒަމާނީ ފެންވަރުގެ ކުނާތަކެކެވެ.
ވިސާ ވާސިފް ސެންޓަރަކީ މިހާރު މި ދުނިޔެ ދޫކޮށްފައިވާ، މިސުރުގެ ވިޜުއަލް އާރޓިސްޓެއް ކަމަށްވާ ރަމްސިސް ވިސާ ވާސިފް، 1950ގެ އަހަރުތަކުގެ ކުރީކޮޅު ހުޅުވި މަރުކަޒެކެވެ. އަމާޒަކަށް ވީ ފަންނުވެރިކަމުގެ ދާއިރާއިން އަންހެނުންނާއި ފިރިހެނުންނަށްވެސް އާމްދަނީއެއް ކަށަވަރު ކޮށްދިނުމެވެ.
ވިސާ ވާސިފް ސެންޓަރުގައި މިއަދު 27 މުވައްޒަފުން މަސައްކަތް ކުރަމުން ދާއިރު، އުމުރުން 68 އަހަރުގެ ލުތުފިއްޔާއަކީ އެތަނުގައި މިވަގުތު މަސައްކަތްކުރާ އެންމެ ދޮށީ އަންހެން މުވައްޒަފުވެސް މެއެވެ. ވިސާ ވާސިފް ސެންޓަރު އުފެއްދި ފަހުން މިއަދާ ހަމައަށް، ޓެކްސްޓައިލާގުޅޭ އަތްތެރި މަސައްކަތުގެ ހުނަރު ގިނަ ބަޔަކަށް ވަނީ ދަސްކޮށްދީފައެވެ.
މި ސެންޓަރު ހުންނަ ސަރަހައްދާ ގުޅިފައިވާ ބޮޑު ބަގީޗާއެއް އޮންނައިރު، އަތްތެރި މަސައްކަތުގެ އުފެއްދުންތަކުގެ ފަރުމާތަކަށް ޚިޔާލު ހޯދަނީ އެ ބަގީޗާ ތެރެއިން ފެންނަ މަންޒަރުތަކުންނެވެ.
އެންމެ ފުރަތަމަ އަހަރެން މިތަނަށް އައިތަނުން ލިބިއްޖެ ވޫލާ އެއްޗެހި. ދެން އަހަރެން މަސައްކަތް ފަށައިގެންފިން. އެކަމަކު، އަހަރެންގެ އުފެއްދުންތައް އެހާ ރަނގަޅެއްނުވި. އެމީހުން ދިޔައީ މަސައްކަތް އިތުރަށް ފުރިހަމަކުރަން ބާރުއަޅަމުން. މިހާރު އަހަންނަށް ވޫލް ލިބުނީމަ އެންމެ ފުރަތަމަވެސް ދަނީ ބަގީޗާ ތެރެއަށް. ގޮސް، ގުދުރަތީ މަންޒަރުތައް ބަލާ، މަސައްކަތުގައި ހިމަނާނެ މަންޒަރުތައް ދެނެގަންނަނީ.ލުތުފިއްޔާ މުހައްމަދު؛ އަތްތެރި މަސައްކަތްތެރިއެއް
މި ކުނާތަކުގެ މަސައްކަތް ނިންމާލަން ބައެއް ފަހަރު އަހަރެއްހާ ދުވަސްވެސް ހޭދަކޮށްފައި އެބަހުއްޓެވެ. އެންމެ އާދަޔާ ޚިލާފު ކަމަކީ، އެއް ފަރުމާއެއް ދެވަނަ ފަހަރަކަށް ތަކުރާރުކޮށްފައި ނުވާކަމެވެ.
އަހަރުމެން އެއް ފަރުމާއެއް ދެ ފަހަރަކު ތަކުރާރެއް ނުކުރަން. ކޮންމެހެންވެސް، ކޮންމެވެސް ކަމެއް ތަފާތު ވާން ޖެހޭ. ކަލޭމެން ބުންޏަސް، އެކަމަށް އެދުނަސް، އަހަންނަށް އެއްގޮތަކަށް ދެ ކުނަލެއް ނުހެދޭނެ. ދެ އެއްޗެއް އެގޮތަކަށް ހަދާކަށް އަހަރުމެންގެ ހިތެއްވެސް ނުރުހޭ.ލުތުފިއްޔާ މުހައްމަދު؛ އަތްތެރި މަސައްކަތްތެރިއެއް
ވިސާ ވާސިފް ސެންޓަރު ހިންގުމުގެ މަސައްކަތުގައި މި ވަގުތު އެންމެ އުސްކޮށް އުޅެނީ ރަމްސިސް ވިސާ ވާސިފްގެ 2 އަންހެން ދަރިންނެވެ. އެތަނުން އެކަކީ ސުޒޭން ވިސާ ވާސިފްއެވެ.
ބައްޕަ އަމިއްލައަށް އެކި ތަންތަނަށް ގޮސް އޮށްތައް ހޯދައިގެން އައިސް މިތާ އިންދީ އަހަރުމެންގެ އަމިއްލަ ފުދުންތެރިކަން ހޯދަން. އަހަރުމެންގެ އުފެއްދުންތައް ޑައިކުރަން ބޭނުންވާ ގަސްތައްވެސް އަހަރުމެން ހަމަ މިތަނުގަ އިންދާ ހައްދަނީ. އަހަރަކު އެއްފަހަރު އެކަން ކުރަން. ހުރިހާ ފަންނުވެރިން މިތަނަށް ޖަމާވާނެ. ތިން ހަތަރު ދުވަސް ހޭދަކުރަން ބަގީޗާ ތެރޭގަ. އަލިފާން ޖަހައިގެން، ވޫލް ރޮދިތައް ކައްކަނީ ކުލަ އަޅައިގެން. މުޅި އަހަރަށް ބޭނުންވާ ސާމާނު ތައްޔާރުކުރަނީ އެއް ފަހަރާ.ސުޒޭން ވިސާ ވާސިފް؛ ސެންޓަރުގެ ބާނީގެ ދަރިފުޅު
އެއްތަނަކަށް ޖަމާވެ، ފަންނުވެރި މަސައްކަތްތަކެއް ކުރަމުންދާ ދިއުމަކީ އަމިއްލަ މަސައްކަތާމެދު ފަޚްރުވެރި އިހުސާސެއް ގެނުވާ ކަމެއް ކަމަށް، ވިސާ ވާސިފް ސެންޓަރުގައި މަސައްކަތް ކުރަމުންދާ މީހުން ބުނެއެވެ. އަދި މިކަމަކީ އާދަޔާ ޚިލާފު، ތަފާތު އުފެއްދުންތައް އުފައްދަން ލިބިދޭ އިތުރު ހިތްވަރެއް ކަމަށްވެސް އެމީހުން ބުނެއެވެ.