ބައިނަލްއަގްވާމީ މާލީ ނިޒާމުގައި ކުދި ދައުލަތްތަކުގެ އަޑު އިވެން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބާލިން އިކޮނޮމިކް ފޯރަމް 2023 ގައި "އިގްތިސާދީ ކުރިއެރުމާއި ކުދި ދައުލަތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް" މި މައްސަލާގައި ޝާހިދު ވަނީ ކީނޯޓް ޚިޠާބެއް ދެއްވާފައެވެ. މި ފޯރަމް އިންތިޒާމްކޮށްފައިވަނީ އެކަޑަމީ ފޯ ކަލްޗަރަލް ޑިޕްލޮމެސީންނެވެ.
މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ވިދާޅުވީ މިހާރު ދުނިޔޭގެ އިގްތިސާދީ ދަތިކަމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ދައުލަތްތަކުގެ ތެރޭގައި ކުދި ދައުލަތްތައް ހިމެނޭ ކަމަށެވެ.
އެއަށްފަހު ކުދި ދައުލަތްތަކުގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގެންގުޅެވޭނެ ތިން ރެކޮމެންޑެޑް ކޯސް އޮފް އެކްޝަން ހިއްސާކުރެއްވި އެވެ.
ފުރަތަމަ ކަމަކަށް މިނިސްޓަރު ޝާހިދު ލަފާދެއްވީ މޫސުމަށް އަންނަ ބަދަލުތައް ހިމެނޭ ގޮތަށް މިހާރު ހުރި މައްސަލަތަކަށް އަމާޒުކޮށްގެން ހައްލު ހޯދައިދީގެން ކުދި ދައުލަތްތަކަށް އެހީތެރިވުމަށެވެ.
ދެވަނަ ކަމަކަށް އޭނާ ލަފާދެއްވީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ބަދަލު ފިޔަވަޅުތަކާއެކު އިތުރަށް އާ ކަންތައްތަކެއް އުފެއްދުމަށެވެ. އޭނާ ގޮވާލައްވަނީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ކޮންސެޝަނަލް ފައިނޭންސިން އަށް ވިސްނާއިރު ޖީޑީޕީއަށް ބަދަލެއް ހޯދުމަށް ވިސްނަން ކަމަށެވެ. އަދި މަލްޓިޑައިމަންޝަނަލް ވަލްނަރެބިލިޓީ އިންޑެކްސް (އެމްވީއައި) ފައިނަލްކޮށް އެ އިންޑެކްސް ތަންފީޒު ކުރުމަށް އޭނާ ގޮވާލެއްވިއެވެ.
ތިންވަނަ ކަމަކަށް މިނިސްޓަރ ޝާހިދު ލަފާދެއްވީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ޖަމާޢަތުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކުދި ދައުލަތްތަކުގެ ވާހަކަ އަޑުއެހުމަށެވެ. އަދި ހާއްސަކޮށް ބައިނަލްއަގްވާމީ މާލީ ނިޒާމުގައި ކުދި ދައުލަތްތަކުގެ އަޑު އިވެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމަނިކުފާނު ނިންމަވާލެއްވީ، މިއަށްވުރެ ހަމަހަމަ، އިންސާފުވެރި، މަލްޓިލޭޓަރަލް ނިޒާމެއް އުފެއްދުމަށް ރަނގަޅު އެއްބާރުލުމެއްގެ ބޭނުންތެރިކަމަށް އަލިއަޅުއްވާލައްވަމުންނެވެ.
ބާލިން އިކޮނޮމިކް ފޯރަމް ބާއްވާފައިވަނީ ބާލިން އިންޓަނޭޝަނަލް ޓޫރިޒަމް ޓްރޭޑް ފެއާ (އައިޓީބީ) ގެ އަރިމަތީގައި 6-10 މާޗް 2023 އަށެވެ.