ޓެކްނިކަލް ދާއިރާގައި އަންހެނުން އިތުރުކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، (އެސްޓީއޯ) އިން ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
އެސްޓީއޯއިން އަންހެނުންނަށް ޚާއްސަކޮށްގެން ސްކޮލަރޝިޕްގެ ފުރުސަތުތައް ހުޅުވާލައިފައިވަނީ އިންޖިނިއަރިންއާ ގުޅުންހުރި ތިން ދާއިރާއަކުންނެވެ. މި ސްކޮލަރޝިޕްތަކަށް ހުޅުވާލައިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެސްޓީއޯއިން ސްކޮލަރޝިޕަށް ހުޅުވާލި ދާއިރާތަކުގެ ތެރޭގައި "އެޑްވާންސްޑް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ" އާއި، "އެޑްވާންސްޑް ސެޓިފިކެޓް އިން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިން" އަދި "ސެޓިފިކެޓް 3 އިން އިލެކްޓްރޯނިކްސް" ހިމެނެއެވެ. މީގެ ތެރެއިން އެޑްވާސްޑް ލެވެލްގެ ދެ ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. އަދި ސެޓިފިކެޓް ލެވެލްގެ ކޯހަކީ ހަތަރު މަސް ދުވަހުގެ ކޯހެކެވެ.
މި ފުރުސަތުގެ ދަށުން އެޑްވާންސް ސެޓްފިކެޓްގެ ދެ ކޯހަށް ކުރިމަތިލެވޭނީ ޖީސީ އޯލެވެލް އިން މަދުވެގެން ދެ މާއްދާއިން ފާސްވެފައިވާ ފަރާތްތަކަށް ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތަކަށެވެ. ސެޓްފިކެޓް 3 އިން އިލެކްޓްރޯނިކްސްގައި އަސާސީ ތަޢުލީމު ހާސިލްކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނެއެވެ.
އެސްޓީއޯއިން މި ކޯސްތަކަށް ހުޅުވާލާފައިވަނީ ޖުމްލަ 15 ޖާގައަކަށެވެ. މިކޯސްތައް ފުރިހަމަކުރުމަށްފަހު އެސްޓީއޯގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ވެސް ޔަގީންވެގެންދާނެއެވެ. އެގޮތުން "އެޑްވާންސްޑް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ" ނިންމާ ފަރާތްތަކަށް އެލިވޭޓަރ ޓެކްނީޝަނެއްގެ ވަޒީފާ ލިބިގެންދާއިރު "އެޑްވާންސްޑް ސެޓިފިކެޓް އިން ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިން" ނިންމާ ފަރާތްތަކަށް ސަރވިސް ސަޕޯޓް ޓެކްނީޝަނެއްގެ ވަޒީފާ ލިބިގެންދާނެއެވެ.
މީގެ އިތުރުން "ސެޓިފިކެޓް 3 އިން އިލެކްޓްރޯނިކްސް" ނިންމާ ފަރާތްތަކަށް ޕްރޮޑަކްޓް ސްޕެޝަލިސްޓެއްގެ ވަޒީފާ ހަމަޖެހިގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މި ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ކޯސްތަކަށް ހުޅުވާލައި އެސްޓީއޯއިން ކޮށްފައިވާ ޕޯސްޓުގައިވާ ކިޔުއާރު ކޯޑު ސްކޭންކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.