ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން މާލެ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ, ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ބިލުގައި ހިމަނައިގެން 1 އޭޕްރީލް 2023އިން ފެށިގެން ނެގުމަށް ވެމްކޯއަށް ހުއްދަ ދީފައިވާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ވެމްކޯއިން މާލޭ ސަރަހައްދުގައި ދެމުންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ އައު ފީ ސްޓަރަކްޗަރ އެ ކޯޕަރޭޝަނުން ވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރް.އޭ)އަށް ހުށަހަޅައި ފާސްކޮށްފައިކަމަށާއި، ވެމްކޯގެ ފީ ސްޓެލްކޯގެ ބިލުގައި ހިމަނައިގެން ނެގުމަށްވެސް އެތޯރިޓީން ދެ ފަރާތަށް ހުއްދަ ދީފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގައި ފީދައްކަން ޖެހޭ ޖުމްލަ 53,690 (ފަންސާސް ތިންހާސް ހަސަތޭކަ ނުވަދިހަ) ގޭބިސީ ހުރި ނަމަވެސް، ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 (ވިހި ހާސް) ގޭބިސީންކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްދިނުމަށާއި، އަދި ކުނި މެނޭޖްކުރުމަށް މި ގެނެވޭ ބޮޑެތި ބަދަލުތަކުގެ ޚަރަދު ބެލެހެއްޓޭނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތަކުންވެސް ވެމްކޯއަށް ފީ ދައްކައިގެން ކަމުގައި ވާތީ، އެންމެ ފަސޭހައިން، ޚަރަދުކުޑަކޮށް މި ފީ ލިބިގަނެވޭނެ ގޮތަކީ އާންމު ބޭނުންތަކުގެ އެހެން ޚިދުމަތެއްގެ ބިލުގައި ހިމަނައިގެން ފީ ނެގުން ކަމަށެވެ.
މި ބަދަލާ ގުޅިގެން، ސީދާ ވެމްކޯއިން މާލޭގައި ޚިދުމަތް ދެމުންގެންދާ ތަންތަނުން (ގޭ ބިސީތަކާއި ވިޔަފާރިތަކާއި، ކޯލް އެންޑް ޕިކަޕް ސަރވިސް) މިހާރުވެސް ނަގާފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިގޮތަށް ފީ ނަގަން ފެށުމުން ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ނުކުރިކަމުގައިވިއަސް މާލޭ ސަރަހައްދުގެ ހުރިހާ ގޭބިސީތަކުން ވެމްކޯއިން ގަވާއިދުން ކުނި ނަގަމުންގެންދާނެކަމަށާއި، ނަމަވެސް މީގެތެރޭގައި ގެތައް ސާފުކޮށް އުކާލާ ބޮޑެތި ކުނި (ބަލްކީ ވޭސްޓް) ނުހިމެނޭނެ ކަމަށެވެ.
ވެމްކޯއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ނުދައްކާ މައްސަލައެވެ. މިހެން މިކަން ދިމާވުމުން، ކުންފުނީގެ ކޭޝްފްލޯ ދަތިވެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ބައެއް އާލާތްތައް (ކުނި އުފުލާ އުޅަނދުތަކާއި ކުނި ޕްރޮސެސްކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓްތައް) އެކަށީގެންވާ ގޮތެއްގައި މަރާމާތު ނުކުރެވި، ބޭނުން ނުކުރެވޭ ހާލަތަށް އަންނަކަން ފާހަގަކުރެވެއެވެ. އަދި އެކަން ހައްލުކުރަން ކުރަންޖެހޭ ޚަރަދު އިތުރުވެއެވެ. އަދި މިކަމުގެ ސަބަބުން ގަވާއިދުން ކުނި ނަގައި މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއެވެ.