އިސްރާއީލުގެ ގައުމީ އެއަރލައިން ކަމަށްވާ އެލްއާލްގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށްޓަކައި މިހާތަނަށް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ބައިނަލްއަޤުވާމީ މީޑިއާ އައުޓްލެޓެއް ކަަމަށްވާ ރޮއިޓާސް އިން ވަނީ އެލްއާލް އިން އަންނަނީ އައު މަންޒިލުތަކަށް ދަތުރުތައް ފަށަން ވިސްނަމުންދާ ކަމަށް ނިމިދިޔަ ހަފްތާގެ ތެރޭގައި ރިޕޯޓްކޮށްފައެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުން، އެލްއާލްގެ ބޮއިން 787 މަރުކާގެ ފްލީޓު ބޮޑުކުރުމަށްފަހު އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތަށް ދަތުރު ފަށާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފައެވެ. އެ މައުލޫމާތުތައް ރޮއިޓާސްގައި ރިޕޯޓްކޮށްފައި ވަނީ އެ އެއަރލައިނުގެ ސީއީއޯއާ ހަވާލާދީ އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާއި ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެފަދަ ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށާއި އެފަދަ ކަމަކަށް އިސްރާއީލުން އެދުނަސް އެ އިންތިޒާމްތައް މި ސަރުކާރުން ހަމަޖައްސާ ނުދޭނެ ކަމަށެވެ. މިއުވާން ވަނީ ރާއްޖެ އާއި އެ ގައުމާމެދު ވިޔަފާރީގެ ގުޅުން ވެސް ނުބާއްވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރާއްޖެ އާއި އެ ގައުމާ ދެމެދު ވައިގެ ދަތުރުފަތުރާއި ގުޅޭ އެއްބަސްވުމެއް ނެތް ކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ރާއްޖެ އަށް ދަތުރުތައް ފަށާނަމަ އެފަދަ އެއްބަސްވުމެއް ބޭނުންވާނެ ކަމަށެވެ.
2011 ވަނަ އަހަރު ވެސް ރާއްޖެއަށް ދަތުރު ފަށަން އިސްރާއީލުގެ ޤައުމީ އެއަރލައިނުން މަސައްކަތްކޮށްފައިވެއެވެ.