ކ. މާލެ
|
8 މާރޗް 2023 | ބުދަ 08:19
ހަކުރު ބަލީގެ އައު ފަރުވާތައް ދަނީ ހޯދަމުން
ހަކުރު ބަލީގެ އައު ފަރުވާތައް ދަނީ ހޯދަމުން
ދި ޓެލެގްރާފް
ހަކުރު ބަލި
ހަކުރު ބަލީގެ ޑޮކްޓަރީ ބޭސް ފަރުވާއަށް ބޮޑު ބަދަލެއް!
އަލަށް ތަޢާރަފު ކޮށްފައިވާ ބޭސްތަކަކީ އަގުގެ ގޮތުން ބަލާއިރު، މެޓްފޯމިންއަށް ވުރެ އަގު ބޮޑު ބޭސްތަކެއް
ޑައެބީޓީޒް ނުވަތަ ހަކުރު ބައްޔަކީ ލޭގެ ތެރޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމަށް މައްސަލަތަކެއް ކުރިމަތި ކުރުވާ، ދާއިމީ ބައްޔެއް

ހަމަ ތެދެކެވެ. ހަކަރު ބައްޔަށް ފަރުވާ ދިނުމަށް ޑޮކްޓަރުން ބޭނުން ކުރަމުން ދިޔަ އާދަތަކަށް މިހާރު ދަނީ ބޮޑު ބަދަލެއް ގެންނަމުންނެވެ.

ހަކުރު ބަލީގެ ބާވަތެއް ކަމަށް ވާ ޓައިޕް-2 ޑައެބީޓީޒް ހުންނަ މީހުންގެ ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ދަށް ކުރުމަށް މެޓްފޯމިން ބޭސް ބޭނުން ކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. ހަކުރު ބަލީގެ ފަރުވާއާ ގުޅިގެން އާންމު ކޮށްފައި ވާ އާ ގައިޑްލައިންގައި ދީފައި ވާ އިރުޝާދުތަކަށް ބަލާއިރު، ހަކުރު ބަލި ކޮންޓްރޯލް ކުރަން ފަށައިގަންނަ އިރު، ޑައެބީޓީޒްއަށް ހާއްސަކޮށްގެން އަލަށް އުފައްދާފައިވާ ބޭސްތަކުން ފެށުމަށް އިރުޝާދު ދީފައި ވެއެވެ. މިކަން މި ގޮތަށް ކުރުމަކީ ބަރުދަން ލުއި ކުރުމުގެ އިތުރުން ހިތާއި ކިޑްނީއަށްވެސް ރައްކާތެރިކަން ލިއްބައިދޭ ކަމެކެވެ.

މި ބަދަލަކީ، ހަކުރު ބަލީގެ މީހުން އާންމުކޮށް ތަޙައްމަލު ކުރާ ލޭ މައްޗަށް ދިއުމާއި، ކިޑްނީ ބަލީގެ އިތުރުން އާދަޔާ ޚިލާފަށް ފަލަވުން (އޮބީސިޓީ)ގެ ތަކުލީފުތަކަށް ތަސައްލައްލީއެއް ހޯދާދިނުމުގެ ފުރުޞަތު ބޮޑު ބަދަލެކެވެ. މި ލުއިތައް ލިބެނީ، ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ދަށް ކުރެވުމާވެސް އެކު އެކީގައެވެ. އެއް ދޮނުގައި ދެބުޅި ޖެހުމުގެ ގޮތުގައިވެސް ސިފަ ކުރެވިދާނެއެވެ.

ހަކުރު ބައްޔަށް ބޭސް އުފައްދާ ބައެއް ކުންފުނިތަކުން ދިރާސާއަށް ހާއްސަކޮށްފައިވާ ފަންޑް ލިބިފައިވާ ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލް، ބޮސްޓަންގެ ޑައިރެކްޓަރ އޮފް ޑައެބީޓީޒް ޕްރޮގްރާމްގެ ޑރ މޭރީ މެކްޑޮނެލް ވިދާޅުވީ، މިއީ ޒަމާނުއްސުރެ ހަކުރު ބައްޔަށް ފަރުވާ ކުރުމުގައި ގެންގުޅުނު އާދަކާދައަށް ގެންނަ، ބޮޑު ބަދަލެއް ކަމަށެވެ. މީގެ ކުރިން ހަކުރު ބައްޔަށް ބޭސް ކުރަމުން ދިޔައީ، މުޅިންހެންވެސް ހަކުރު ކޮންޓްރޯލް ކުރުމަށް ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އަލަށް ތަޢާރަފުކޮށްފައި ވާ ހަކުރު ބަލީގެ ބޭސްތައް މަސައްކަތް ކުރާ ގޮތަށް ބަލާއިރު، ފަންނީ ގޮތުން 2 ގިންތިއަކަށް ފެތެއެވެ. އެއީ އެސްޖީއެލްޓީ-2 އާއި ޖީއެލްޕީ-1އެވެ.

ބޮސްޓަންގެ ޖޮސްލީން ޑައެބީޓީޒް ސެންޓަރގެ އެންޑޯކްރޮނޮލޮޖިސްޓް، ޑރ ނުހާ ޢާލީ އަލް ސަޢީދު ވިދާޅުވީ، އަމާޒަކީ ބޭހަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ސީދާ ޕޭޝަންޓަށް ހާއްސަ ފަރުވާއެއް ތައްޔާރުކޮށްދޭ ގޮތަށް، ފަރުވާގެ ޕްލޭން ބަދަލު ކުރުން ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް، އަލަށް ތަޢާރަފު ކޮށްފައިވާ ބޭސްތަކަކީ އަގުގެ ގޮތުން ބަލާއިރު، މެޓްފޯމިންއަށް ވުރެ އަގު ބޮޑު ބޭސްތަކެކެވެ. ބައެއް ޕޭޝަންޓުންގެ އަމިއްލަ ޖީބުން މިފަދަ ކަމަކަށް ޚަރަދު ކުރެވޭކަށް ނުވެސް އޮންނާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. މިފަދަ އެއް ބޭހަކީ އޮޒެމްޕިކްއެވެ. އޮޒެމްޕިކް ބޭނުން ކުރާ މީހެއްގެ އަތުން މަހެއްގެ މައްޗަށް، 900 އެމެރިކާ ޑޮލަރު، ބޭހަށް ޚަރަދު ކުރަން ޖެހެއެވެ. ޖަރޑިއަންސް ބޭނުން ކުރާ މީހަކު، މަހެއްގެ މައްޗަށް، 590 އެމެރިކާ ޑޮލަރު ޚަރަދު ކުރަން ޖެހެއެވެ. އާންމުކޮށް ލިބެން ހުންނަ މެޓްފޯމިން ބޭނުން ކުރާ ޕޭޝަންޓެއްގެ އަތުން މަހެއްގެ މައްޗަށް ބޭހުގެ ޚަރަދުގެ ގޮތުގައި ހިނގަނީ 25.72 އެމެރިކާ ޑޮލަރެވެ.

މިނެސޯޓާގެ ރޯޝެސްޓަރގައި މާޔޯ ކްލިނިކުގައި ހަކުރު ބަލީގެ މީހުންނަށް ފަރުވާ ދެއްވާ ޑރ ރޮޒަލީނާ މެކޯއީ ވިދާޅުވީ މި ބޭސްތަކަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ބޭސްތަކެއް ކަމަށާ، ނަމަވެސް ބޭހުގެ ޙަޤީޤީ ފައިދާ ކުރާނެ ގިނަ ބައެއްގެ އަތް ފޯރާ ހިސާބަށްވުރެ ބޭހުގެ އަގު މާ ބޮޑު ކަމީ، އިންތިހާއަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

އަނެއް ބައި ޑޮކްޓަރުން ވިދާޅުވި ގޮތުގައި އާ ބޭސްތަކާ ބެހޭ ދިރާސާތައް ހަދާފައި ވަނީ، މެޓްފޯމިންއާ ނުލާ، އާ ބޭސްތަކާ އެކީ އެކަނި ނޫން ކަމަށާ، އެހެން ކަމުން، ހިތާއި ކިޑްނީގެ ދުޅަހެޔޮ ކަމުގެ އިތުރުން ބަރުދަން ލުއިވުމަކީ ހަމަ އެކަނި އާ ބޭހުން ވީ ކަމެއް ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. ދިރާސާގެ ބޭނުމަށް ޓެސްޓު ކޮށްފައިވާ އެސްޖީއެލްޓީ-2އާއި ޖީއެލްޕީ-1ގެ ބޭސްތައް ޓެސްޓު ކޮށްފައި ވަނީ، ހިތާއި ކިޑްނީގެ ބަލިތަކުގެ ނުރައްކާ ބޮޑު ޕޭޝަންޓުންގެ މެދުގައި ކަމަށާ، އާ ޤަވައިދުގެ ދަށުން އެ ބޭސް ލިބުން ޙައްޤު ހުރިހާ ގިންތިއެއްގެ ޕޭޝަންޓުންގެ މެދުގައި ނޫންކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ދެން އޮތީ ސަޕްލައިގެ ވާހަކައެވެ. އޮޒެމްޕިކްއާއި މޮންޖާރޯ އަދި ޓްރޫލިސިޓީ ފަދަ، ހަކުރު ބައްޔަށް ތައްޔާރުކޮށްފައި ވާ އާ ބޭސްތައް ލިބުމުގައި މިހާރުވެސް ސަޕްލައިގެ މައްސަލަތަކާ ދަނީ ކުރިމަތިވަމުންނެވެ. ސަބަބަކަށް ވަނީ، ބަރުދަން ލުއި ކުރަން މަސައްކަތް ކުރާ މީހުން މިހާރުވެސް މި ބޭސްތައް ބޭނުން ކުރަމުން ދިއުމެވެ. ނަމަވެސް، ބަރުދަން ލުއި ކުރުމަށް މިފަދަ ބޭސްތައް ބޭނުން ކުރުމަށް، ސިއްހީ ރެގިއުލޭޓަރުން، ރަސްމީ ސިފައެއްގައި ހުއްދަ ދީފައެއް ނުވެއެވެ. ބޭސް އުފައްދާ ކުންފުނިތަކުން ވަނީ، ހަކަރު ބަލީގެ ޕޭޝަންޓުންނަށް ބޭސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ބުނެފައެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއަށް ޚިދުމަތްކޮށް، މަޤާމުން ރިޓަޔަރ ކޮށްގެން ހުރި އޯގަސްޓް ބެލަރޑިން ބުނި ގޮތުގައި، އޭނާ އެންމެ ފުރަތަމަ މެޓްފޯމިން ކާން ފެށީ 2000 ވަނަ އަހަރާ ހިސާބުގައެވެ. އެއީ އެންމެ ފުރަތަމަވެސް އޭނާ ޓައިޕް-2 ޑައެބީޓީޒްއަށް ޑައެގްނޯޒް ކުރި ހިސާބެވެ. މިދިޔަ އަހަރު ބެލަރޑިންގެ ޑޮކްޓަރު ވަނީ އޭނާއަށް އޮޒެމްޕިކް ދޭން ފަށާފައެވެ. ބަރުދަން ލުއި ކުރުމުގެ މަޤްޞަދުގައެވެ. އާ ބޭސް ބޭނުން ކުރަން ފެށިތާ 3 ހަފުތާ ތެރޭގައި ބެލަރޑިންގެ ހަށިގަނޑުން 2.67 ކިލޯގްރާމް ލުއިވިއެވެ. ނަމަވެސް ބޭހުގެ ސަޕްލައިގެ މައްސަލަތައް ބޮޑުވެ، ދެ މަހެއްހާ ދުވަސް ފަހުން، ޖީއެލްޕީ-1ގެ ބޭހެއް ކަމަށްވާ ރައިބެލްސަސްއަށް ބަދަލު ކުރިއެވެ.

ޑައެބީޓީޒް ނުވަތަ ހަކުރު ބައްޔަކީ ލޭގެ ތެރޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ކޮންޓްރޯލް ކުރުމަށް މައްސަލަތަކެއް ކުރިމަތި ކުރުވާ، ދާއިމީ ބައްޔެކެވެ. ހަކުރު ބައްޔާއެކު، ހިތާއި ކިޑްނީގެ ބަލިތަކުގެ އިތުރުން އެހެނިހެން ސިއްހީ މައްސަލަތަކާވެސް ކުރިމަތި ކުރުވައެވެ.

ހަކުރު ބައްޔާ ބެހޭ އެމެރިކާގެ ޖަމިއްޔާ (އޭޑީއޭ)އިން ދިގު މުއްދަތަކަށް ދަންމާލި ގައިޑްލައިންގައި ދީފައި ވާ އިރުޝާދަށް ބަލާއިރު، މިންހެޔޮ ކެއުމާއި ކަސްރަތުގެ ތެރެއިން ހަކުރު ކޮންޓްރޯލް ނުވާ މީހުން، ފަރުވާއެއްގެ ގޮތުގައި މެޓްފޯމިން ބޭސް ކާން ޖެހެއެވެ.

ބޭސް ފަރުވާގެ ގޮތުގައި މެޓްފޯމިން ބޭނުން ކުރުމަށް އެމެރިކާގައި އެންމެ ފުރަތަމަ ހުއްދަ ދީފައި ވަނީ 1995 ވަނަ އަހަރުއެވެ. މެޓްފޯމިންގެ ސަބަބުން، ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ދަށް ކުރެވެއެވެ. ނަމަވެސް، ހިތާއި ކިޑްނީގެ މައްސަލަތައް ކުރިމަތިވެ، ބަރުދަން އިތުރުވުމުގެ ގޮންޖެހުންތަކާ ކުރިމަތިވެ، އިތުރު ބޭސްތައް ބޭނުން ކުރަން މަޖުބޫރު ކުރުވައެވެ.

ހަކުރު ބައްޔަށް ފުރަތަމަ ޑައެގްނޯޒް ކުރާ ހިސާބުން މެޓްފޯމިން ކާން ފެށުމުގެ ބަދަލުގައި، އާ ބޭސްތައް ބޭނުން ކުރުމަށް އިރުޝާދު އިސްލާހުކޮށް، އޭޑީއޭއިން އާ ގައިޑްލައިންއެއް ނެރުނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެސްޖީއެލްޓީ-2 އިންހިބިޓަރ ނުވަތަ ސޯޑިއަމް-ގްލޫކޯޒް ކޯޓްރާންސްޕޯޓަރ އިން، ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު ދަށް ކުރަނީ، ކިޑްނީ ތެރެއަށް ހަކުރު މައްދާ ދަމާލާ މިންވަރަށް ހުރަސް އަޅައިގެންނެވެ. އޭގެ ބަދަލުގައި، ގްލޫކޯޒް ބޭރުވެގެން ދަނީ ކުޑަކަމުދާތަކެތީގެ ޒަރިއްޔާއިންނެވެ.

މިފަދަ ބޭސްތަކުގެ ތެރޭގައި އަސްޓްރާޒެނީކާގެ ފާޒިގާ، ބޯއެރިންގަރ އިންގެލްހެއިމްގެ ޖަރޑިއަންސް، ލިލީ، އަދި ޖޯންސަން އެންޑް ޖޯންސަންގެ އިންވޮކާނާއާއި މަރކް އެންޑް ކޯގެ ސްޓެގްލާޓްރޯ ހިމެނެއެވެ.

ޖީއެލްޕީ-1ގެ އޭޖެންޓުންނަކީ ކެއުމުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތައް ނަކަލު ކުރާ އެއްޗެކެވެ. އެއާއެކު ގްލުކަގޮން ފަދަ ޕެޕްޓައިޑް-1 ނަމަކަށް ކިއާ ހޯމޯންއެއް އުފައްދަފައެވެ. އެއީ އިންސިއުލިން އުފައްދަން އެހީވާ މާއްދާއެކެވެ. އިންސިއުލިންއަކީ ލޭގައި ދައުރު ކުރާ ގްލޫކޯޒްގެ މިންވަރު ދަށްކޮށްދޭ މާއްދައެވެ. މި ބޭހުގެ ސަބަބުން، ތާ އަބަދު ކާހިއްވެފައި ހުންނަ ހުރުންވެސް ކުޑަކޮށްދެއެވެ.

މި ބާވަތުގެ ބޭސްތަކުގެ ތެރޭގައި އަސްޓްރާޒެނިކާގެ ބިޔެއްޓާއާއި ބައިޑީއުރޯން، ލިލީގެ ޓްރޫލިސިޓީ އާއި ސެނޯފީގެ އެޑްލީކްސިން  އަދި ނޯވޯ ނޯޑިސްކްގެ އޮޒެމްޕިކްއާއި ވިކްޓޯޒާ އަދި ރައިބެލްސުސް ހިމެނެއެވެ. ރައިބެލްސުސް ގުޅަ ބޭސް ފިޔަވާ ދެން މުޅިންވެސް ހުރީ އިންޖެކްޝަންގެ ގޮތުގައި ހަށިގަނޑަށް ޖަހާ ބޭހެވެ.

މި ގިންތިތަކުގެ ބޭސްތަކަށް ހުއްދަ ދޫކުރުމުގެ މަސައްކަތް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ފެށި މީގެ އަހަރުތަކެއް ކުރިންނެވެ. 2008 ވަނަ އަހަރު، އެ އިދާރާއިން ވަނީ ހަކަރު ބައްޔަށް ބޭސް އުފެއްދުމުގައި، ހިތުގެ ސިއްޙަތު ނުރައްކަލުގެ ތެރެއަށް ވައްޓާނުލުމަށް ސަމާލުވުމަށް ގޮވާލާފައެވެ. އެއީ ހަކަރު ބަލީގެ ޕޭޝަންޓުންނަށް ދެމުން ދިޔަ އެވަންޑިއާއި ހަރޓް އެޓޭކްއާ ގުޅުމެއް ވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ނިންމި ހިސާބުންނެވެ.

ދާއިމީ ގޮތެއްގައި ފަލަވާ ބަލިޖެހިފައިވާ މީހުންނަށް ފަރުވާއެއްގެ ގޮތުގައި ނޯވޯ ނޯޑިސްކްގެ ވިގޯވީ ބޭސް ބޭނުން ކުރުމަށް އެފްޑީއޭއިން ހުއްދަ ދީފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އޮޒެމްޕިކް ބްރޭންޑް-ނަމުގެ ދަށުން ހަކުރު ބައްޔަށް ހާއްސަކޮށްގެން ފަރުވާއަށް ހުއްދަ ދީފައި ވަނީ މި ބޭހަށެވެ. އެފްޑީއޭއިން ދަނީ ހަކުރު ބަލީގެ ބޭހެއްގެ ގޮތުގައި މަންޖާރޯއަށް ހުއްދަ ދިނުމާ ބެހޭ ކަންކަން މުރާޖާ ކުރަމުންނެވެ.

އޭޑީއޭގެ އާ ޤަވައިދުތައް ބުނާ ގޮތުން، ހަކުރު ބަލީގެ ޕޭޝަންޓުންނަށް ބޭސް ލިޔެ ދިނުމުގައި، އެ ޕޭޝަންޓަކީ ހިތާއި ކިޑްނީގެ ބަލިތައް ޖެހުމުގެ ނުރައްކާ އޮތް މީހެއް ތޯއާއި، އެމީހާގެ ހަށިގަނޑުގައި ގްލޫކޯޒް އެކުލެވޭ މިންވަރުތައް ރަނގަޅަށް ވަޒަން ކުރުމަށް، ޑޮކްޓަރުންނަށް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
9 މާރޗް 2023 | ބުރާސްފަތި 07:23
އަހުމަދު
އަލަށް ތައާރަފުކުރި ވިޔަފާރިއެއް އެހެންނޫންތޯ