ލަންކާގެ ލޯންތައް ރީސްޓްރަކްޗަރ ކޮށްދޭން ޗައިނާއިން އެއްބަސްވެފައިވާކަމަށް އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.
ވިކްރަމަސިންހަ މިހެން ވިދާޅުވެފައިވަނީ އަންގާރަ ދުވަހުއެވެ.
ސްރީލަންކާގެ ތާރީޚުގައި އެގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގުތިސާދީ ކާރިސާގެ ސަބަބުން, އެގައުމުގެ 22 މިލިއަން މީހުންގެ އާބާދީއަށް ވަނީ ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ދަތިކަމާއެކު، ދިގުދެމިގެންދާ ކަރަންޓް ކެނޑުމާއި އިންފްލޭޝަނާ ކުރިމަތިލާންޖެހިފައެވެ.
ރައީސް ރަނިލް ވިކްރަމަސިންހަގެ ސަރުކާރުން ދަނީ ލާންކާގެ މާލީ ނިޒާމު އަލުން އަނބުރައި ކޮޅަށް ޖެހުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މިކަމުގައި އެގައުމުން އެންމެ ބޭނުންވާ އެއް އެހީއަކީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ހޯދަން އުޅޭ އެހީއެވެ.
އައިއެމްއެފްގެ މާލީ އެހީ ލިބުމުގައި އެގައުމަށް އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި އޮތީ، ޗައިނާއިން، އެގައުމުން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗަރކުރުމަށް ކުރަމުންދިޔަ މަޝްވަރާތައް ދިގުދެމިގެން ދިއުމެވެ.
ޗައިނާއިން އެލޯނުތައް ރީސްޓްރަކްޗަރކޮށްދިނުމަށް އެއްބަސްވުމާއެކު އައިއެމްއެފްއިން 2.9 ބިލިއަން ޑޮލަރުގެ މާލީ އެހީ ލިބުން ވަރަށް ގާތްވެފައިވާކަމަށް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޗައިނާ ސަރުކާރުގެ އެގްޒިމް ބޭންކުން ލޯނުތައް ރީސްޓްރަކްޗަރ ކުރުމަށް އެއްބަސްވެފައިވާކަމަށް ބުނެ، އައިއެމްއެފްއަށް ހޯމަ ދުވަހު ސިޓީއެއްވެސް ފޮނުވާފައިވާކަމަށް ވިކްރަމަސިންހަ ވިދާޅުވިއެވެ.
އެހެންނަމަވެސް މިކަމާ ގުޅޭގޮތުން އެގްޒިމް ބޭންކާއި އައިއެމްއެފްއިންވެސް ރަސްމީ އިއުލާނެއް ކޮށްފައެއްނުވެއެވެ.