ނޮވެމްބަރު މަހުގެ ފަހުކޮޅު ސްރީލަންކާ އަށް ކުރިމަތިވި ތޫފާން 'ދިތުވާ' ސަބަބުން އެ ގައުމުގެ ޖީޑީޕީ ކުރިއެރުން 0.5 ން 0.7 އިންސައްތައާ ދެމެދުގެ އަދަދަކަށް ދަށްވާނެ ކަމަށް، ފަސްޓް ކެޕިޓަލް ރިސަރޗް (އެފްސީއާރް) އިން ނެރެފައިވާ ބަޔާނެއްގައި ލަފާކޮށްފި އެވެ.
މި އަންދާޒާ ބިނާކޮށްފައިވަނީ 2016 ވަނަ އަހަރު ކުރިމަތިވި ފެންބޮޑުވުންތަކާއި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ފަދަ ކާރިސާތަކުގެ ތަޖުރިބާގެ މައްޗަށެވެ. މީގެން ދޭހަކޮށްދެނީ، ސަރުކާރުން ކާރިސާތަކަށް އެހީވުމަށް ކުރާ ހަރަދުތަކުގެ ސަބަބުން ވަގުތީ ގޮތުން އިގްތިސާދަށް ލިބޭ ކުރިއެރުމަށްވުރެ، ކޮންސަމްޕްޝަން، އިންވެސްޓްމަންޓް އަދި ނެޓް އެކްސްޕޯޓަށް ކުރިމަތިވާ ހީނަރުކަން ބޮޑުވާނެ ކަމެވެ. މި ހީނަރުކަމާ އެކު ވެސް، އެފްސީއާރް އިން ވަނީ 2026 ވަނަ އަހަރަށް އިގްތިސާދު ކުރިއަރާނެ ކަމަށް ކަނޑައަޅާފައިވާ 3.0 އާއި 4.0 އިންސައްތައާ ދެމެދުގެ ކުރިއެރުމުގެ އަންދާޒާ ދަމަހައްޓާފައެވެ.
ކާރިސާ ގެ ސަބަބުން ސްރީލަންކާގެ ޖީޑީޕީގެ ގާތްގަނޑަކަށް 68 އިންސައްތަ ހިއްސާކުރާ ޕްރައިވެޓް ކޮންސަމްޕްޝަންއަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް މަދުވުމާއި، ރަށްފުށުގެ އާއިލާ ތަކުގެ އާމްދަނީ ދަށްވުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ކޮންސިއުމަރުންގެ ޑިމާންޑް ދަށްވެގެންދާނެއެވެ. ސަރުކާރުން ކާރިސާތަކަށް އެހީވުމާއި އަސާސީ ހިދުމަތްތައް މަރާމާތުކުރުމަށް ކުރާ ހަރަދުތައް ކޮންމެވެސް ވަރަކަށް އިތުރުވާނެ ކަމަށް ބެލެވުނު ނަމަވެސް، މިއީ ޕްރައިވެޓް ޑިމާންޑް ދަށްވުން ފޫބައްދާނެ މިންވަރެއް ނޫން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން އިންޒާރުދެއެވެ. ޕްރައިވެޓް ސެކްޓަރގެ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިވުމުގެ ސަބަބުން އިންވެސްޓްމަންޓްގެ ހަރަކާތްތައް ވެސް ދަށްވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ކުރު މުއްދަތުގެ ތެރޭގައި ފައިސާގެ އަގު ނުހަނު ދަށްވެ، ތަކެތީގެ އަގު އުފުލި، އިންފްލޭޝަން 40 ބޭސިސް ޕޮއިންޓަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ފެންބޮޑުވުމުގެ ސަބަބުން ގޮވާން ކެނޑުމާއި، ގުދަންކުރުމާއި، ދަތުރުފަތުރަށް ހުރަސްއެޅި، ތަރުކާރީ، ކާށި އަދި މޭވާ ފަދަ މުހިންމު ކާބޯތަކެތީގެ ސަޕްލައި މަދުވެ، ޝޯޓޭޖުތައް ކުރިމަތިވެފައިވެއެވެ. މިހެންކަމުން، 2026 ވަނަ އަހަރުގެ އަހަރީ އިންފްލޭޝަންގެ އަންދާޒާ ކުރިން ލަފާކުރި 2.9 އިންސައްތައިން 3.3 އިންސައްތަ އަށް މިހާރު މަތިވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.
ބޭރު ފައިސާ ހޯދުމުގައި މުހިންމު ދައުރެއް އަދާކުރާ ފަތުރުވެރިކަމަށް ބަލާއިރު އެންމެ ބޮޑަށް ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރު ފެށުނުތަނާ ހެން ކޮލަމްބޯ ގައި ފެން ބޮޑުވުމާއި، އައްސޭރިފަށުގެ ހޮޓާ ތަކަށް ގެއްލުންވުމުގެ ސަބަބުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ވަނީ ކޮށްފަ އެވެ. އެފްސީއާރް އިން ވަނީ 2025 ވަނަ އަހަރުގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ އަންދާޒާ 3.3 ބިލިއަން އެމެރިކާ ޑޮލަރުން 3.2 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްކޮށްފައެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ އަންދާޒާ 3.7 ބިލިއަން އެމެރިކާ ޑޮލަރުގައި ދަމަހައްޓާފައި ވެއެވެ.
މާލީ ދާއިރާ އަށް ބަލާއިރު، މި ކާރިސާގެ ސަބަބުން ކާރިސާތަކަށް އެހީވުމާއި، އަލުން ބިނާކުރުމަށް ކުރާ ހަރަދުތައް އިތުރުވެ، ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ގާތްގަނޑަކަށް 0.1 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރުން ވަނީ 2025 ވަނަ އަހަރުގެ ބަޖެޓުން 30 ބިލިއަން ރުޕީސް ކާރިސާތަކާ ގުޅުންހުރި ކަންކަމަށް ހާއްސަކޮށްފައެވެ. މި ހުރިހާ ދަތިކަމެއް ހުރިނަމަވެސް، ކާރިސާ އަށް ފަހު އިމްޕޯޓް ޑިމާންޑް، ރެމިޓަންސް އާއި އެކިއެކި ފަރާތްތަކުން ލިބުނު އެހީގެ ސަބަބުން ހަމަހަމަވާތީ، އެފްސީއާރް އިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރަށް ފައިސާގެ އަގު ދަށްވުމުގެ ޕްރެޝަރު ގާތްގަނޑަކަށް 5.0 އިންސައްތައިގައި ދެމިހުންނާނެއެވެ.