ޓެރަރިޒަމްގެ މައްސަލައެއްގައި ސައުދީއަރައްބިއްޔާގެ އިރުމަތީ ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތަކަށް މަރުގެ އަދަބު ދީފި އެވެ.
ހައިދަރު ބިން ނަސީލް އަލް ތަހީފާ ނަމަކަށް ކިޔާ މި މީހާ މަރަން ސައުދީ ކޯޓުން ހުކުމް ކުރީ އޭނާ ޓެރަރިސްޓް ޖަމާއަތަކާ ގުޅުމުންނެވެ. އެ ޓެރަރިސްޓް ޖަމާއަތުން ކުރަމުން އައި ކަންކަމަކީ އެ ސަރަހައްދުގެ ހަމަނުޖެހުން ނަގާލައި ސަލާމަތީ ބާރު ތަކުގެ އޮފިސަރުންނަށް އަނިޔާ ކުރުމާއި މަރާލުމާއި އޮފިސަރުންގެ ކާރުތަކުގައި ރޯކޮށް އާންމުންގެ މުދަލަށް ގެއްލުން ދިނުމެވެ.
އޭނާގެ މައްޗަށް މަރުގެ ހުކުމް ކޮށްފައިވަނީ އާއްމުންނަށް ބިރު ދައްކާ ފަދަ އަމަލެއް، ހަތިޔާރާއެކު ހިންގާފައިވާތީއެވެ. އޭނާ މަރާލާފައިވަނީ އަންގާރަ ދުވަހުއެވެ.
ސައުދީގެ އިންޓީރިއަރ މިނިސްޓްރީން ވަނީ އާއްމުންނަށް ބިރުދައްކާ ފަދަ އެފަދަ އެއްވެސް ޓެރަރިސްޓް އަމަލެއް ހިންގައިފިނަމަ ކޮންމެ މީހަކަށް ވެސް އެ އަދަބު ދެވޭނެކަމުގެ އިންޒާރު ދީފައެވެ.