ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން އެމައްސަލަ ބަލައި ގަތުމާއިމެދު ގޮތެއް ނިންމާފައި ނުވާތީ ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން ހައިކޯޓަށް ވަޑައިގެންފިއެވެ.
ހޯމަ ދުވަހު ހައިކޯޓުގެ އިތުރުން ޖޭއެސްސީ އަށް ވެސް ޕީޕީއެމްގެ އިސް ފަރާތްތަކުން ވަޑައިގަންނަވާފައިވެއެވެ. އެކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ އެ މައްސަލަ ބަލައިނުގަނެ ލަސްވުމަކީ ޕީޕީއެމް އާއި ރައީސް ޔާމީން އަށް ތާއީދުކުރާ ފަރާތްތަކުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއްގޮތަކަށް ވެސް މައްސަލަ ބަލައިގަތްކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގޭ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެ މައްސަލަ ބަލައިނުގަނެ ލަސްވުމުން ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ މައްސަލަ އެއް ބަލައިގަތުމާއި މެދު ޖަވާބު ދިނުމަށް 14 ދުވަސް ލިބުނު ނަމަވެސް ބައެއް މައްސަލަތަކަށް އިސްކަން ދޭން ޖެހޭނެ ކަަމަށެވެ. އަދި ކޮންމެހެން 14 ދުވަސް ހަމަކުރަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހޯމަ ދުވަހު ކޯޓުން އެބޭފުޅުންނާއި ބައްދަލުކުރައްވާފައި ނުވާތީ އަންގާރަ ދުވަހު ވެސް ކޯޓަށް ވަޑައިގަތުމަށް އެ ފަރާތްތަކުން ވަނީ ނިންމަވާފައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުގެ މައްސަލަ ހުށަހަޅާފައި ވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. ވ. އާރަށް ކުއްޔަށްދިން މައްސަލައިގައި ހިޔާނާތްވެފައިވާ ކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.