އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލައި ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާނެވެ. މި ގަރާރުގައި ބުނެފައިވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީން ހުށަހެޅި މަސްވެރިކަމުގެ ސިޔާސަތު ތަންފީޒުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކެމްޕޭންގައި އެތައް ފަހަރެއްގެ މަތިން ވައުދުވެވަޑައިގަންނަވާ، އިންތިހާބުވެވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އެ ސިޔާސަތު ޝާއިޢުކޮށް، އެ ސިޔާސަތުގެ މައްޗަށް ބިނާކޮށް، ކުރިން އަމަލުކުރަމުންދިޔަ މަސްވެރިކަމުގެ ގާނޫނު އުވާލާފައިވާ ކަމަށެވެ.
އަދި 2019 ވަނަ އަހަރު މަސްވެރިކަމުގެ އައު ގާނޫނެއް ރައްޔިތުންގެ މަޖިލީހުން އެކުލަވާލައި އަމަލުކުރަން ފެށިފައިވީ ހިނދު، އެ ސިޔާސަތު ތަންފީޒުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ފިޝަރީޒް މިނިސްޓަރު ފަހަތުފަޔަށް ބުރަވެ، ރާގު ބަދަލުވެ، މަސްވެރިންނަށް ވެފައިވާ ވައުދުތަށް ނުފުއްދި، އަދި މަސްވެރިންގެ ކަނބޮޑުުވުންތަކަށް އަޅާނުލާކަމަށް ގަރާރުގައި ބުނެފައިވެއެވެ.
މަސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިންގެ އެންމެ ގިނަ ބަޔަކު ކުރަމުން އައި މަސައްކަތް ކަމަށްވެފައި، އެންމެ ގިނަ އާންމު ރައްޔިތުންނާއި އާއިލާތަކުގެ އާމްދަނީއާ ގުޅިފައިވާ މަސައްކަތްތަކަށްވެފައި އަދި މުޅި ރާއްޖޭގެ އިގްތިސާދު އެތައް ޒަމާނެއްވަންދެން އެއަށް ބަރޯސާވި މައިގަނޑު ސިނާއަތެއްކަމުގައި ވީނަމަވެސް، މި ސިނާއަތު ކުރިއަރުވަން އެކަށީގެންވާ މަސައްކަތެއް ސަރުކާރުން ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން މަހަށް ފުރާ އުޅަނދުފަހަރާއި، މަސްވެރިކަމުގައި ހަރަކާތްތެރިވާނެ ދިވެހިން މަދުވަމުން ދިއުމާއި، ދިވެހިންގެ އިގްތިސާދުގެ ލޭނާރު ކެނޑި ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް ގަރާރުގައި ބުނެފައިވެއެވެ.
ހާއްސަކޮތެއްގައި އެމްޑީީޕީގެ މަސްވެރިކަމުގެ ސިޔާސަތާއި، ރައީސް އޮފީހުގައި މިހާރު ޝާއިޢުކޮށްފައިވާ މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގައިވާ މަހަށް ހަމައަގު ހޯދައިދިނުން ފަދަ މުހިންމު ވައުދުތައް ދައުރު ނިމެން 6 މަސް ދުވަހަށް ވީއިރުވެސް ފުއްދިފައި ނުވާކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އަދި މި ވައުދުތައް ފުއްދުމުގެ ބަދަލުގައި، ސަރުކާރުގެ ރާގު ބަދަލުވެ، މި ކަންކަން ނުވާނެ ކަމަށާއި، ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއާއި ކަމާގުޅޭ ވަޒީރު ތަކުރާރުކޮށް އެކިއެކި ޕްލެޓްފޯމްތަކުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭކަމަށާއި އެމްޑީޕީއާއި ރައީސުލްޖުމްހޫރިއްޔާ ވީ ވައުދުތަކާ އެއްގޮތަށް، މަސްވެރިކަމުގެ ސިޔާސަތު ރަނުން ރަނަށް ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރު ވަނީ ހުށަހަޅާފައެވެ.