މިއަހަރު ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ލިބޭނެކަމަށް ސައޫދީ ސަރުކާރުން އަންގާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ, މިނިސްޓްރީއަށް ކަދުރު ލިބުމުން ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ, މި މަހުގެ 12 ވަނަ ދުވަހު ސައޫދީން ލަންކާއަށް ކަދުރު ގެންނާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ރޯދަ މަހުގެ ތެރޭގައި ކަދުރު ލިބޭނެ ކަމަށެވެ.
ރޯދަ މަހު މިނިސްޓްރީއަށް ކަދުރު ލިބޭނެކަމަށް ލަފާކޮށް މިނިސްޓަރު ވިދާޅުވީ، ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި މިނިސްޓްރީން ކަދުރު ބަހަން ފަށާނެ ކަމަށެވެ. މިއަހަރުވެސް ކަދުރު ބަހާނީ ފަގީރުންނަށް އިސްކަންދީގެން ކަމަށާއި، އެއަށްފަހު ބާކީހުރި ކަދުުރުތައް ގޭބީސީތަކުގެ ނިސްބަތުން ބަހާނެ ކަމަށްވެސް މިނިސްޓަރު ވިިދާޅުވިއެވެ.
ސައޫދީން މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް ހަދިޔާކުރި 50 ޓަނުގެ ކަދުރު (25،000 ޕެކެޓް) ސަރުކާރާ ހަވާލުކޮށްފައިވަނީ 12 މެއިގައެވެ. މި 50 ޓަނުގެ ކަދުރުގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ހިމެނޭ ގޭބިސިީތަކަށް ބެހުމަށްފަހު ކޮންމެ 100 ގޭބިސީއަކަށް 26 ޕެކެޓް ކަދުރު މިނިސްޓްރީން ވަނީ ބަހާފައެވެ. ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ސައޫދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.