ކ. މާލެ
|
4 މާރޗް 2023 | ހޮނިހިރު 09:03
ރައީސާއި ފޮރިން މިނިސްޓަރު
ރައީސާއި ފޮރިން މިނިސްޓަރު
ރައީސް އޮފީސް
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ރައީސަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެކަމާމެދު އެއްވެސް ޝައްކެއް ނެތް: ޝާހިދު
އެމްޑީޕީން އަބަދުވެސް ޑިމޮކްރަސީގެ ހަމަތައް ހިފަހައްޓާކަމަށް ވިދާޅުވި
މިހާރުވެސް މަންޒަރު ސާފުކަމަށާއި، ރައީސަށް ދެވަނަ ދައުރެއް ޔަގީންކަމަށް ވިދާޅުވި
ފާއިތުވި ހަތަރު އަހަރު، މި ސަރުކާރުން ޑިމޮކްރެޓިކް ގަވަރނަންސަކަށް ބޭނުންވާ ފުރިހަމަ ބިންގާ އަޅާފައިވާކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ "ސްޓްރާޓް ނިއުސް ގްލޯބަލް"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. އެގޮތުން، މި ސަރުކާރުގައި ރައީސް ގެންގުޅުއްވާ ސިޔާސަތުތަކާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަންކަން ރައްޔިތުން ބަލައިގެންފައިވާކަމަށާއި، އޭގެ ސަބަބުން އެމަނިކުފާނަށް ތާއީދު އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން މިއަހަރު ބޭއްވި ރިޔާސީ ޕްރައިމަރީއަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ، އެ އިންތިޚާބުގައި އެމްޑީޕީ ދެބައިވިނަމަވެސް އެކަމުގެ ސަބަބުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި އެއީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ މަރުހަލާ ކަމަށާއި މިހާރު ވެސް މަންޒަރު ސާފުކަން ފާހަގަކުރެއްވިއެވެ.

އެމްޑީޕީން އަބަދުވެސް ޑިމޮކްރަސީގެ ހަމަތައް ހިފަހައްޓާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު މި ސަރުކާރުން ޑިމޮކްރެޓިކް ގަވަރނަންސަކަށް ބޭނުންވާ ފުރިހަމަ ބިންގާ އަޅާފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުރިން ޝަރުއީ ނިޒާމު ގަޑުބަޑުކޮށްފައި އޮތްނަމަވެސް މި ވެރިކަމުގައި ޝަރުއީ ކޯޓުތަކަށް ދިވެހި ދައުލަތުގެ އިސްވެރިން ބާރެއް ނުފޯރުވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ،

މި އިންޓަވިއުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭގޮތުންވެސް މިނިސްޓަރު ޝާހިދު ވާހަކަފުޅުދެއްކެވިއެވެ. ޝާހިދު ވިދާޅުވީ އެއީ ރައްޔިތުންނަށް ދައްކާނެ ވަރުގަދަ ސިޔާސަތެއް ނެތުމުން ހަދައިގެން އުޅޭ ސްލޯގަންއެއް ކަމަށެވެ. އަދި ވަރުގަދަ ސިޔާސަތެއް ނެތުމުން އިދިކޮޅަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ނަފުރަތު އުފެއްދުން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ މި ސަރުކާރު އައި ފަހުން އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ރާއްޖޭގައި މިވަގުތު ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއުތަކުގައި އިންޑިއާގެ އެހީތެރިކަން ލިބެމުންދާ ކަމަށާއި، އިންޑިއާއިން ދޭ އެހީގެ ހުރިހާ ކަމެއްވެސް ކުރަމުން އަންނަނީ ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް