އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފަސް ވަނަ ސެގްމަންޓުގެ މަސައްކަތް ފަށާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި ފަސް ވަނަ ސެގްމަންޓުގެ މަސައްކަތް ފެށީ ބުދަ ދުވަހުގެ ރޭއެވެ. އެ މަސައްކަތް ފަށާފައިވާއިރު ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތް ވެސް ވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން، އެ ސެގްމަންޓުގެ މައިގަނޑު ބޮޑެތި މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް އާރުޑީސީން މައުލޫމާތުދެއެވެ.
ފަސް ވަނަ ސެގްމަންޓުގެ މަސައްކަތްތައް ކުރުމަށް އާރުޑީސީން ވަނީ އަމީނީ މަގާއި ކޮއިމަލާ ހިނގުމާ ގުޅޭ ހިސާބުން ފެށިގެން ގާކޮށި ފުލެޓުގެ ޕާކިން ޒޯނާ ހަމައަށް ބަންދުކޮށްފައެވެ.
އަމީނީ މަގުގައި މިހާތަނަށް ހަތަރު ސެގްމަންޓުގެ މަސައްކަތް ކޮށްފައިވާއިރު މީގެ ތެރެއިން ތިން ސެގްމަންޓެއްގައި މިހާރު ވަނީ ތާރު އަޅައި ނިމިފައެވެ. އެއީ ހެންވޭރު ކޮޅުން ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ދިމާވާ ހިސާބުން ފެށިގެން ސްޓެލްކޯއާ ހަމައަށެވެ.
އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ތާރު އަޅާފައިވާ ސަރަހައްދު މި ހަފުތާ ތެރޭގައި ހުޅުވާލެވޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެއެވެ.
ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވޭނީ އަންނަ ސެޕްޓެމްބަރު މަހުގައެވެ. މި މަޝްރޫއުގެ ދަށުން، އެމަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.