ކ. މާލެ
|
1 މާރޗް 2023 | ބުދަ 14:06
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
ދާއިރާތަކުގެ ބައި އިލެކްޝަން
ކ.ގުރައިދޫ، ވ.ރަކީދޫ އަދި ވ.ތިނަދޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ވަނީ އާންމުކޮށްފައި
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށް

ކ.ގުރައިދޫ، ވ.ރަކީދޫ އަދި ވ.ތިނަދޫ ދާއިރާގެ ބައި އިލެކްޝަނާ ގުޅޭ ޝަކުވާ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނީ،  2023 އޭޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނާއި ވ.ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަދި ވ.ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އީސީން މައުލޫމާތު ދޭ ގޮތުގައި އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ  "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށެވެ. އެގޮތުން ޝަކުވާ / މައްސަލަ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮމިޝަނުގެ ރަސްމީ އީމެއިލް މެދުވެރިކޮށެވެ.

އޭގެ އިތުރުން، 2023 އޭޕްރީލް 15 ވާ ހޮނިހިރު ދުވަހު، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށްކަމަށްވެސް އީސީން މައުލޫމާތު ދެއެވެ.

އަދި ވޯޓު ނަގާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ / މައްސަލަ ހުށަހެޅޭނެއެވެ. ހަމައެއާއެކު، އިލެކްޝަންސް ކޮމިޝަނަށް، "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" އީމެއިލް މެދުވެރިކޮށްވެސް، ހުށަހެޅޭނެއެވެ.

އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ، 27 ފެބްރުއަރީ ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާއިރު، މި ލިސްޓަސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. 

- ކޮމެންޓް